ސަރުކާރުން ދިން ގޯތިތައް ބަދަލު ނުދީ ނެގި ބަޔަކު ގެ އަޅައިދޭނަމޭ ބުންޏަސް ގަބޫލު ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބ. ފެހެންދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ރޭ އިއުލާން ކުރައްވަމުން އޭނާ ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
މި ސަރުކާރުން ބޯހިޔާވަހިކަން ފޯރު ކޮށްދޭ ގޮތަށް ފާޑުވިދާޅުވަމުން މުއިއްޒު ވިދާޅުވީ، ފަޅު ފަޅުން ގޯތި ދޭން ނިންމައި ނާޅާ ހުރި އިމާރާތް ތަކުން ފްލެޓް ދޭން ލިސްޓު ނެރެފައިވާ ކަމަށެވެ. މުއިއްޒު އަށް ވެރިކަން ލިބިވަޑައިގެންފިނަމަ ބިންވެރިޔާ ސްކީމުން ގޯތި ލިބޭ މީހުންނަށް ލިބޭ ގޯތީގެ ހުރަހަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ހަމައެކަނި ބިން ކޮޅު ލިބުމަކުން އާންމު ރައްޔިތުންނަށް ނުފުދޭނެ ކަމަށާއި އެ މީހުންނަށް އެ ބިމުގައި ގޯތި ހެދޭނެ ގޮތްތައް ހޯއްދަވައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ފެނުއަޑީގައި ހުރި ގޯތިތައް ވެސް ފެނުން މައްޗަށް ނަންގަވައި ދެއްވާނެ ކަމަށާއި އެ ތަންތަނަށް ވެސް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ހިޔާ ފްލެޓްތައް ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ނެރުނު ލިސްޓަށް ބަދަލު ގެނެސް މި ސަރުކާރުން އެ ލިސްޓުން އުނި ކުރި ފަރާތްތަކަކީ މުއިއްޒުގެ ސަރުކާރެއްގައި އަޅާ އެންމެ ފުރަތަމަ ފްލެޓްތަކުން ފްލެޓް ދޭނެ މީހުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ވާދަވެރިންގެ ތެރެއިން ކުޑަކޮށްވެސް ބަލާލަން ޖެހެނީ ޕީއެންސީ އިން ނެރެފައިވާ ކެންޑިޑޭޓަށް ކަމަށާއި އެ މެނިފެސްޓޯގައިވާ އެއްޗެއް ކޮންމެވެސް ވަރަކަށް ބަލާލަން ޖެހޭ ކަމަށެވެ. އަދި އެހެން ކެންޑިޑޭޓުންގެ މާބޮޑު ސިޔާސަތުތަކެއް ކުރިމަތިލާން ނެތް ކަމަށާއި އެއް ބައެއްގެ މަގުސަދަކީ ދެވަނަ ބުރަކަށް މި އިންތިހާބު ގެންދިއުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރޭ މުއިއްޒު ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ހައުސިން ބޭންކަކީ އެމަނިކުފާނު ކުރިން އިއުލާން ކުރެއްވި ކަމެއް ކަމާއި ލުއި ލޯނު ދެއްވާނެ ވާހަކަވެސް މުއިއްޒު ދެއްކެވި ކަމަށެވެ. އަދި އަސާސީ ހިދުމަތްތައް ރަށްތަކަށް ފުރިހަމަ ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވުމާ ގުޅިގެން ރައީސް ސޯލިހު ވަނީ މި ހުރިހާ ދުވަހު ރަށްރަށުގައި ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދުމްތަ ނެތްތަން ފެނިވަޑައި ނުގަންނަވާތޯ ސުވާލު ކުރައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ގުޅިފަޅުން ދިން ގޯތިތައް މުއިއްޒުގެ މިނިސްޓަރު ކަމުގައި ނެގީ ބަދަލު ނުދީ ކަމަށާއި އެތަން އޭރުގެ ސަރުކާރުން ބަޔަކާ ކޮންޓްރެކްޓަށް ހަވާލުކޮށްގެން ހިއްކި ނަމަވެސް އެ މީހުންނަށް ދޭން ޖެހޭ ފައިސާވެސް ދޭން ޖެހުނީ މި ސަރުކާރުން ކަމަށެވެ.
މުއިއްޒުގެ މެނިފެސްޓޯއަށް އިތުރަށް ފާޑުވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް 5 އަހަރުގައި ރައްޔިތުންނަށް ހެޔޮ ހިތުން ކަންތައް ކޮށްދޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށް ވިދާޅުވެފައެވެ.
7 އަހަރުން މުއީޒުމެން އިސްވެތިބެ ނުކޮއްދިންކަމެއް މިއަދު އިބޫގެ ސަރުކާރުން 5 އަހަރުގަ ދިވެހި ތާރީޙްގަ ދައުރެއްގަ އެންމެގިނަ ކަންކަން ކުރުމުން މުއީޒުއައްވެސް މަޖުބޫރުވާނެ ރައްރައް ތަރައްޤީކުރާވާހަކަ ދައްކަން. ގަބޫލުކުރަންޖެހޭ ހަގިގަތަކީ ކުރީގަނެތް އިހްލާސްތެރިކަމެއް މިއަދުކު ވަކި ނުހުންނާނެކަން..