އަންނަ މަހުގެ ފަސް ވަނަ ދުވަހު ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ "ޖޯކަރު"ގެ އޮންލައިން ޓިކެޓް ބުކިން ކުރިއަށްދާއިރު ފިލްމުގެ ޕްރިމިއާ ޝޯގެ ހަތަރު ވީއައިޕީ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފިލްމުގެ ޓީމުން ފަށައިފިއެވެ.

ޖޯކަރުގެ ރަސްމީ އިންސްޓަގްރާމް އަދި ފޭސްބުކްގައި "ގިވްއަވޭ އެލާޓް"ގެ ނަމުގައި ފަށާފައިވާ ޕްރޮމޯޝަންގައި ބައިވެރިވުމުން ފިލްމުގެ ޕްރިމިއާ ޝޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންގެންދާނެއެވެ. އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޕޯސްޓަށް ލައިކް ދިނުމަށްފަހު ކޮމެންޓް ސެކްޝަންގައި ހަތަރު އައިޑީއެއް ޓެގްކުރެވޭނެއެވެ.

މި ޕްރޮމޯޝަން ފިލްމުގެ ޓީމުން ފަށާފައިވާއިރު ފިލްމުގެ ޓިކެޓް ހޯދުމަށް 7458800 އަށް މެސެޖެއް ނުވަތަ އެ ނަންބަރަށް ގުޅައިގެން ބުކިން ހަދައިލެވޭނެއެވެ. މި ފިލްމުގެ ޓިކެޓް ވިއްކަން ފަށާނީ މި މަހު 30 ވަނަ ދުވަހުން ފެށިގެން އޮލިމްޕަސް ކައުންޓަރުންނެވެ. ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ކޮމެޑީ ޖޯންރާ އަށް ގެނެސްދޭ ފިލްމެކެވެ.

"ޖޯކަރު" އިން ފެނިގެންދާނެ ތަރިންނަކީ އަހްމަދު ނިމާލު، ޝިލާ ނަޖީބް، އަލީ އާޒިމް (ދޮން އައްޔަ)، ނާޝިދާ މުހައްމަދު (ނާއްކޮ) އަހްމަދު ސަޢީދު، ހަމްދާން ފާރޫގު، އިބްރާހިމް ރަޝީދު މޫސާ (ބުރޯ)، މުހައްމަދު އީމާއު (ހަބޭސް އީމާއު)، ރިފްޝާން، އަލީފް އަދި ޝަހީދާ މުހައްމަދެވެ.