އެމްޑީޕީ ވަނީ ކުރީގެ ސިފަ ގެއްލިފައި ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
މިއަދު ދަ ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތި ވިދާޅުވީ ފަސް އަހަރު ނިމިގެން ދާއިރު މި ސަރުކާރަށް ރައްޔިތުން އުންމީދުކުރާ މިންވަރާ ގާތަށްވެސް ކަންކަން ކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ގައުމުގެ ބޮޑެތި މައްސަލަތަކާމެދު ގަބޫލު ކުރެވޭ މިންވަރަކަށް ސަރުކާރުން ކަންތައްތައް ކޮށްފައި ނުވާ ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ރާއްޖޭގައި އަށަގެންފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ބެލިފައިނުވާ ކަމަށާއި މި ސަރުކާރުގެ ވައްކަމާއި ހިޔާނާތުގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ފެއްޓުމަށްފަހުވެސް އެކަންކަން ކުރިއަށް ނުގޮސްވާކަން އެކި ރަށްރަށުން ފެންނަމުންދާ ކަން ފާހަގަކުރައްވާ އިންތި ވިދާޅުވީ އެކަން ނުވަނީ ޕްލޭނެއް ނެތުމުން ކަމަށާއި ހިންގުންތެރިކަމެއް ނެތުމުން ވަރަށް ބޮޑަށް ފެއިލްވެފައި ވާތީ ކަމަށެވެ.
އިންތި ވިދާޅުވީ އެ ޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ރަނިންމޭޓް ހުސައިން އަމުރު، ހުރިހާ ރަށަކަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވާ ކަމަށާއި އެހެން ކެންޑިޑޭޓުންނާ ތަފާތުކޮށް ސީދާ ރައްޔިތުންނާ ބައްދަލުކުރައްވާ ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާ ކަމަަށެވެ. އަދި ސިޔާސަތުތައް އެކުލަވާލުމަށް އިލްޔާސް އާއި އަމްރު އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނެވި ކަމަށް އިންތި ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ސިޔާސަތުތައް ތަންފީޒު ކުރުމަށް ފަސޭހައަކަށް ވެގެން ދާނެ ކަމަށް އިންތި ވިދާޅުވިއެވެ.
ބޭނާއެއް ދަމާލައިގެން ވެސް މި ސަރުކާރާ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ދެކޮޅަށް ރައްޔިތުންނަށް ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ނެތްކަމަށާއި އެއީ ވަރަށް ނާތަހުޒީބު ކަމެއް ކަން ފާހަގަކުރައްވާ އިންތި ވިދާޅުވީ ފެނިގެންދަނީ ވެރިމުގެ ލައްޒަތަށްޓަކައި ބަޔަކު ވެރިކަމުގައި ދެމިހުރުމަށް މަސައްކަތް ކުރަމުން ދާތަން ކަމަށެވެ.
އިންތި އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި ސަރުކާރުން އެ ފަރާތްތަކުގެ އަޑުއަހަން ޖެހޭނެ ކަމަށެވެ. އަދި ޕާޓީތަކުގެ މެދުގައި ހިނގާ ހަމަނުޖެހުމަކީ ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ނުދިނުމުގެ ނަތީޖާ ކަމަށް ވާއިރު ސަރުކާރުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.