އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށް އެ ރަށުގައި ސިޔާސީ 2 ޕާޓީން ހަމަނުޖެހުމެއް ހިންގި ނަމަވެސް އޭނާ އެ ރަށަށް ވަޑައިގެންފިއެވެ.
ދާދިދެންމެއަކު މުއިއްޒު ގުރައިދޫއަށް ވަޑައިގެންފައި ވާއިރު އެ ރަށުން ވަނީ އާދަޔާ ހިލާފު ހޫނު މަރުހަބާއެއް ކިޔާފައެވެ. ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވެ، މުއިއްޒަށް ވަރަށް ފޯރިއާއެކު މަރުހަބާ ކިޔާފައިވާއިރު އެއްބުރުން މުއިއްޒު ހޮވުމަށްވެސް ގިނަ އަދަދެއްގެ ބަޔަކު ދިޔައީ ގޮވަމުންނެވެ.
މިރޭ 9 ޖަހާއިރު މުއިއްޒު ކެމްޕެއިން ޖަލްސާއެއް އެ ރަށުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
މުއިއްޒު އެ ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށް މިއަދު ހަވީރު އެ ރަށުގެ އެމްޑީޕީ މެންބަރުންނާއި ޕީޕީއެމް މެންބަރުންގެ ދެމެދުގައި ހިންގި ހަމަނުޖެހުމުގައި މީހަކަށް ވަނީ އަނިޔާވެފައެވެ.
މިއަދު ހިންގި ހަމަނުޖެހުމާ ގުޅިގެން ނުރުހުން ފާޅުކުރައްވަމުން އެ ރަށު ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު "ދަ ޕްރެސް" އަށް ވިދާޅުވީ އެކަމަކީ ފުލުހުންގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަމަށެވެ. އަދި އެކަން ހިންގަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު މެންދުރު ރިޕޯޓްކުރެއްވި ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމްޑީޕީއިން އެފަދަ ކަމެއް ކުރަން އުޅޭކަން ފުލުހަށް ރިޕޯޓުކުރުމުން އެތަނަށް ފޮނުވާފައި ވަނީ އަލަށް ވަތް ދެތިން ފުލުހެއް ކަމަށެވެ. އެހެންކަމުން ދެބައި މީހުންގެ ދެމެދުގައި ހަމަނުޖެހުން ހިންގީ ފުލުހުން ކަމަށް ޔާމީން ވަނީ ތުހުމަތު ކުރައްވާފައެވެެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އެ ހަމަނުޖެހުމާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ސަޕޯޓަރުން ވަނީ ގުރައިދޫ ބަނދަރުން ޑރ. މުއިއްޒުގެ އަނބިކަނބަލުން ދަތުރުކުރެއްވި ލޯންޗަށް އަރާ ބައެއް މީހުންނަށް ހަމަލާދޭން ވެސް މަސައްކަތް ކޮށްފައެވެ.