މިމަހު މަޑަގަސްކާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ރާއްޖޭގައި ތިބެގެން ރަނގަޅު މަސައްކަތްތަކެއް ކޮށް، ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފިއެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ، ސީދާ ގޭމްސް އަށް ތައްޔާރުވުމަށް އަމާޒު ހިފައިގެން އެސޯސިއޭޝަނުން އިންޓަނޭޝަނަލް ފެޑެރޭޝަންގެ ކޮންސަލްޓަންޓެއްގެ އެހީ ހޯދައިފައިވާ ކަމަށެވެ. މުޅި އަހަރު ތެރޭގެ އެކި ދުވަސްވަރު ރާއްޖެ އައިސް މަސައްކަތްކުރި ކޮންސަލްޓަންޓް މިގޭލް އަކީ ޗައިނާގެ ޓްރެއިނިން ސެންޓަރެއްގައި މިހާރު ވެސް މަސައްކަތްކުރާ ހެޑް ކޯޗެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ގޭމްސްގެ ކުރިން އޭނާ ރާއްޖޭގެ ފެތުންތެރިންނާ އެކު އެންމެ ފަހުން ހޭދަކުރި 10 ދުވަހަށް ފަހު ރާއްޖެއިން ފުރާފައިވާ ކަމަށާއި ޓެކްނިކަލް އެޑްވައިޒަރެއްގެ ގޮތުގައި އޭނާ ކޮންމެ ތިން މަހަކުން ރާއްޖެ އައިސް ރާއްޖޭގެ ފެތުންތެރިން ކުރިއަރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ސްވިމިން އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއީލް އަލީ ވިދާޅުވީ، ރަޝިޔާގެ ދެ ކޯޗުން އައިސް ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށް، ކުރިއެރުންތަކެއް ހޯދައިދިން ކަމަށެވެ. އެގޮތުން ރަޝިޔާ އިން އައި ދެ ކޯޗުންގެ ތެރެއިން އެއް ކޯޗު މަސައްކަތްކުރީ ސީދާ ގޭމްސް އަށްދާ ފެތުންތެރިންނާއެކު، އެ ފެތުންތެރިން ތަމްރީނުކުރުމުގައި ކަމަށާއި އަދި އަނެއް ކޯޗު ޑިވެލޮޕްމަންޓް މަސައްކަތްތަކުގައި ވަރަށް ބޮޑަށް ބައިވެރިވިކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފެތުންތެރިންގެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ އެންމެފަހުން 2019 ވަނަ އަހަރު ގޭމްސްގައި މެޑަލް ހޯދި އެހެން ގައުމުތަކުގެ އެތްލީޓުންގެ ހުނަރު ވަރަށް ބޮޑަށް ބަލާ ދިރާސާކޮށްގެން ކަމަށް ވެސް އިސްމާއީލް އަލީ ވިދާޅުވިއެވެ.

އެންމެކައިރިން ވާދަކުރެވޭނެ އިވެންޓްތަކަށް ބޮޑަށް ފޯކަސްކޮށްގެން ތަމްރީނުތައް ކުރިއަށް ގެންދިޔައީ. މައިގަނޑު ހުރިހާ އިވެންޓެއްގައިވެސް ރާއްޖޭގެ ހުރިހާ ފެތުންތެރިންވެސް ވާދަކުރާނެ.
އިސްމާއީލް އަލީ

ސްވިމިން އެސޯސިއޭޝަނުން ބުނީ، ގޭމްސްގައި ވާދަކުރާއިރު ރާއްޖޭގެ ފެތުންތެރިންނަށް ކުރިމަތިވާ އެންމެބޮޑު ގޮންޖެހުމަކީ ތިން ގައުމެއް ތަމްސީލްކުރަން ފްރާންސްގެ ފެތުންތެރިން އަންނަ އައުން ކަމަށެވެ.

ދުނިޔޭގެ ބޮޑަތި ގޭމްސްތަކުގައި ވާދަކޮށް މެޑަލް ހޯދާފައިވާ ފެތުންތެރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ތިން ގައުމެއްގެ ޓީމްގައި ހިމެނިގެން ވާދަކުރާ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ. އެ އެސޯސިއޭޝަނުން ބުނީ، ރާއްޖެއިން ގޭމްސްގައި ވާދަކުރާ ޓީމްގައި ހިމެނެނީ 12 ފެތުންތެރިން ކަމަށެވެ. އެއީ އަންހެން 6 އަދި ފިރިހެން 6 ފެތުންތެރިންނެވެ.