ޔޫތު މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށް މި ރަމަޟާން މަހު "ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026" ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ޔޫތް މިނިސްޓްރީން ބުނީ، މި ފެސްޓިވަލްގައި އޮންލައިން އަދި އޮފްލައިން ގޭމިންގް މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ، އެމްއެލްބީބީ އަދި ޓެކެން ހިމެނެއެވެ.
މި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 27 އިން 28 ގައި ޔޫތު ހަބުގައެވެ.
ކޮންމެ ގޭމެއްގެ 1 ވަނައަށް އަންނަ ފަރާތަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާއިރު ދެވަނައަށް 3000 ރުފިޔާ ލިބިގެންދާނެއެވެ. އަދި ތިންވަނައަށް އަންނަ ފަރާތަކަށް 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރުވެސް ޔޫތް މިނިސްޓްރީން ވަނީ އުރީދޫއާއި ގުޅިގެން މިފަދަ ފެސްޓިވަލެއް ކުރިއަށް ގެންގޮސްފައެވެ. އެއަހަރުވެސް އެކި ގޭމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ.
މި ފެސްޓިވަލްގެ ބޭނުމަކީ ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް، ވާދަވެރި އަދި މުނިފޫހިފިލުވުމުގެ މާހައުލެއް ދިނުން ކަމަށްވާއިރު މި ފެސްޓިވަލަކީ ގޭމިންއަށް ލޯބިކުރާ އެންމެންނަށް ކަމުދާނެ ފެސްޓިވަލަކަށްވާނެ ކަމަށް ޔޫތް މިނިސްޓްރީން ގަބޫލު ކުރެއެވެ.
