2024 ވަނަ އަހަރު ސްކޫލްތަކާއި ކޮލެޖްތަކުގެ އިތުރުން އޮފީސްތަކުގެ މެދުގައި އީސްޕޯޓްސް މުބާރާތްތަކެއް ބާއްވާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން އިއުލާން ކޮށްފިއެވެ.

މިކަން އިއުލާން ކުރެއްވީ ރާއްޖޭގައިވެސް މުޅިން އަލަށް ބޭއްވި އަލްޓިމޭޓް ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުމީގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒް އެވެ. ނިޔާޒް ވިދާޅުވީ ގޭމިންގެ ދާއިރާ މިހާރު ނިމުމެއް ނެތް ފުރުސަތުތަކުން ފުރިފައިވާ އިންޑަސްޓްރީއަކަށް ބަދަލުވެފައިވާ ކަމަށެވެ.

އަދި އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަކީ ފެސްޓިވަލް އެއްގޮތުގައި ރާއްޖޭގައި ބޭއްވުނު ފުރަތަމަ ގޭމިންގް އިވެންޓް ކަން ފާހަގަ ކުރައްވާ އިތުރަށް ނިޔާޒް ވިދާޅުވީ މި އިވެންޓްގެ ކާމިޔާބީ އާއިއެކު އެކި އުމުރުފުރައިގެ ގޭމަރުންނަށް އިތުރު ފުރުސަތުތައްހުޅުވާލުމުގެ ގޮތުން އިންޓަ ސްކޫލް، އިންޓަ ކޮލެޖް، އަދި އިންޓަ އޮފިސް އީސްޕޯޓްސް މުބާރާތްތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މިމަހު 19 އިން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ގޭމިންގް ފެސްޓިވަލް ގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އީސްޕޯޓްސްއަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވެފައެވެ. މި ފެސްޓިވަލްގައި ތަފާތު މުބާރާތްތައް ކުރިއަށް ދިޔައިރު، އޭގެ ތެރެއިން 100،000ރ ގެ ޕްރއިޒް ޕޫލް އަކާއެކު ކުރިއަށް ދިޔަ ޕަބްޖީ މުބާރާތުގެ ފައިނަލް މެޗް ތަކާއި، ޓެކްކަން މުބާރާތުގެ އިތުރުން ފީފާ، ރޭސިންގް ޗެލެންޖް އަދި ކޮސްޕްލޭ ޝޯ ހިމެނެއެވެ.

އުރީދޫ ނޭޝަން ގޭމާސް ފެސްޓިވަލް: ވަނަ ހޯދި ފަރާތްތަކަށް އިނާމު ދެނީ / ފޮޓޯ: އުރީދޫ

މި މުބާރާތްތަކުން މޮޅުވި ފަރާތްތަކަށް އެކި އެކި ފައިސާގެ އިނާމު ދެވިފައިވާ އިރު އުރީދޫ ނޭޝަން އިން ވަނީ ޖުމްލަ 185،000 ރުފިޔާގެ އިނާމު ކުޅުންތެރިންނަށް ހުށަހަޅާފައެވެ.

އުރީދޫ ނެޝަނުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އައު ފުރުސަތުތަކާ ގުޅުވާލުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އުރީދޫ އިން އަރުވައެވެ. 2023 ވަނަ އަހަރުގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަދި ގޭމިންގް އެވޯޑް ނިމިގެންދިޔައީ އީސްޕޯރޓްސް ދާއިރާގެ އުޖާލާ ކުރިއެރުމުގެ އުއްމީދު އާވެގެންނެވެ.