ރިޔާސީ އިންތިހާބުގެ ކަންކަން ހިނގަމުންދާ ގޮތް ބެލުމަށްޓަކައި ކެންޑިޑޭޓުންގެ ފަރާތުން ބެހެއްޓުމަށް ހުށަހެޅި މަންދޫބުން ހިމެނޭހެން 10 ހާހެއްހާ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

އިންތިހާބުގައި ކަންކަން ހިނގަމުންދާ ގޮތް ބެލުމަށް ބޭނުންވާ މޮނިޓަރުންނަށާއި އޮބްޒާވަރުންނަށް ހުޅުވާލި ފުރުސަތު ހަމަވީ މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށެވެ. ކެންޑިޑޭޓުންގެ މަންދޫބު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވީ އިއްޔެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުން ބެހެއްޓުމަށް ހުޅުވާލި ފުރުސަތުގައި 1،735 ފޯމު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެއީ އެމްޑީޕީގެ ފަރާތުން 458 ފޯމާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން 217 ފޯމާއި، ޕީއެންސީގެ ފަރާތުން 548 ފޯމާއި، އެމްއެންޕީގެ ފަރާތުން 271 ފޯމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން 241 ފޯމު ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، އިންތިހާބުގައި މޮނިޓަރުންނަށާއި އޮބްޒާވަރުންނަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި 8،152 ފޯމާއި ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުން ބެހެއްޓުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި 1،735 ފޯމާ އެކު ޖުމްލަ 9،887 ފޯމު އިލެކްޝަންސް ކޮމިޝަނަށް މިހާރު ލިބިފައިވާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ، ހަބީބު ވިދާޅުވި ގޮތުގައި، ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރަނީ ޖުމްލަ އަށް ކެންޑިޑޭޓުންނެވެ. އެއީ:

  • މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އެމްޑީޕީ)
  • މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
  • ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް (ޖުމްހޫރީ ޕާޓީ)
  • އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)
  • ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
  • ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން (އަމިއްލަ)
  • ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަސަން ޒަމީލް (އަމިއްލަ)
  • ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި ރިޔާސީ އިންތިހާބު ވެގެން ދާނީ އެންމެ ގިނަ އަދަދެއްގެ މޮނިޓަރުންނާއި އޮބްޒާވަރުން ތިބޭ އިންތިހާބަށް ކަން ހަބީބު ފާހަގަކުރައްވާފައިވެއެވެ.