ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް އެސަރަހައްދުން ނެގުމަށް އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯއިން ބުނީ، އެކޯޕަރޭޝަނުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަކަށް ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުފަހަރުތައް އެސަރަހައްދުން ނަގަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން މި އުޅަނދުތަކުގެ ވެރިފަރާތެއްވާނަމަ އާބަންކޯގެ ހޮޓްލައިން 1516 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށްފަހު، މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެއުޅަނދެއްގެ ވެރިފަރާތުން އެއުޅަނދެއް ނެންގުމަށް އާބަންކޯއިން ވަނީ އަންގާފައެވެ.

ހުޅުމާލެ 2ވަނަ ފިޔަވެހީގެ ފަޅުތެރޭގައި ހުރި އުޅަނދުތަކެއް / ފޮޓޯ: ދަ ޕްރެސް

އާބަންކޯއިން ބުނީ، މިމުއްދަތުގައި މިއުޅަނދުތައް ނަގާފައި ނުވާނަމަ "ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދު ފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުސޫލު" ގެ ދަށުން މިއުޅަނދުތަކާމެދު އަމަލުކުރެވޭނެ ކަމަށެވެ.

ހުޅުމާލެ 2ވަނަ ފިޔަވެހީގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނަގަން އެންގި ސަރަހައްދު ރަތްކުލައިން ފާހަގަކޮށްފައި / ފޮޓޯ: އާބަންކޯ

ހުޅުމާލެ 2ވަނަ ފިޔަވެހީގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނަގަން އެންގި ސަރަހައްދު ފެންނަ ފޮޓޯއެއް އާބަންކޯއިން ހިއްސާކޮށްފައިވާއިރު ދެ ސަރަހައްދެއް އާބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން "އޭރިޔާ 2"ގެ ގޮތުގައި ފާހަގަކޮށްފައިވާ ސަރަހައްދު ބޭނުން ކުރުމުގައި "އޭރިޔާ 1"ގެ މަސައްކަތް ކުރުމަށް އުނދަގޫ ނުވާނެ ހެން އަމަލުކުރުމަށް އާބަންކޯއިން ވަނީ އަންގާފައެވެ.