ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދުގެ ހޫނު ބަހުގެ ހަމަލާތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަމާޒު ކުރައްވައިފިއެވެ.

ހުސްނުއްސުއޫދުގެ ނުރުހުން ޖޭއެސްސީއަށް އަމާޒު ކުރައްވާފައި ވަނީ ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖޭއެސްސީ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގެ މިއަދު އޮތް އަޑުއެހުމުގައެވެ.

އެ މައްސަލައިގެ ޚުސޫމާތު ފެށިގެން ދިޔައިރު މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އޮތް ނަމަވެސް ފަހުން މައްސަލަ ރައްދުވާ ފަރާތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބަދަލުވީ ކީއްވެތޯ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ސުވާލު އުފައްދަވާފައެވެ.

އަދި ޖަވާބުގައި ޖޭއެސްސީގެ ވަކީލު ވިދާޅުވީ، ޑީޖޭއޭއަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ އިދާރާއެއް ނޫން ކަމުން މި މައްސަލައިގައި ޑީޖޭއޭ ތަމްސީލު ކުރާނީ ޖޭއެސްސީން ކަމަށެވެ.

އެއާ އެކު ސުއޫދު ވަނީ ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހަކު އައްޔަން ކުރާނީ ކޮން ދުވަހަކުތޯ ސުވާލު ކުރައްވައިފަ އެވެ. އެ މަގާމު ހުސްވެފަ އޮންނަތާ 2 އަހަރުވެފައިވާ ކަން ފާހަގަކުރައްވާ ސުއޫދު ވިދާޅުވީ "މިހާރު ދެ އަހަރުވެގެން މި ދަނީ މި ތަނުގެ އިދާރީ އެންމެ އިސް މުވައްޒަފު ނެތި. ތިޔަ ބޭފުޅުން ޖޭއެސްސީއަކީ މި ތަނުގެ އިދާރީ އެންމެ އިސް ފަރާތް ކަމަށްވާ ނަމަ ކޮން ދުވަހަކުންތޯ އަޅުގަނޑުމެންގެ އިދާރީ އެންމެ އިސް މުވައްޒަފުން ލިބެނީ" ސުއޫދު ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުންވެސް ސުޕްރީމް ކޯޓުގެ މަސައްކަތްތައް މަޑުޖެހިފައިވާކަން ފާހަގަކުރައްވާ ސުއޫދު ވިދާޅުވީ "މި ތަން މި އޮތީ ހަމަ ހުއްޓިފައި. ހިންގުން އެއްކޮށް ހުއްޓިފައި. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މިއީ. ކޮން އިރަކުންތޯ މިއަށް އަޅުގަނޑުމެންނަށް ފަރުވާއެއް ލިބެނީ. ވިދާޅުވެދެއްވަބަލަ؟ މި ތަން ހިންގާނީ ކިހިނެއްްތޯ؟ އިދާރީ ގޮތުން މި ކޯޓު ހިންގޭކަށް އިދާރީ ގޮތުން މި ކޯޓަށް މިނިވަންކަމެއް ނެތް މުވައްޒަފުން ލާކަށް."

ފަނޑިޔާރު ކޯފާ އިސްކުރައްވާ އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގައި އެއްވެސް މިނިވަން ކަމެއް ނެތް ކަމަށާއި ތިބެން ޖެހެނީ ނުފޫޒެއްގެ ދަށުވެފައި ކަމަށް ވިދާޅުވެފައެވެ.

"ބަޔަކު ދިނިއްޔާ ކައިގެން ބޮއިގެން މި ތިބެނީ، ބަޔަކު ދިނިއްޔާ ފޮތް ފަންސުރު މި ލިބެނީ، ބަޔަކު ދިނިއްޔާ މުވައްޒަފުން މި ލިބެނީ، އެކަމަކު އަޅުގަނޑުމެންނަކީ މިނިވަން ފަރާތެކޭ، ދައުލަތުގެ އެއް ބާރުކަމަށްމި ބުނަނީ، ކިހިނެއްތޯ ސަސްޓެއިން ކުރަނީ މި އާގިއުމަންޓް"
ހުސްނުއްސުއޫދު

އެ ސުވާލަށް ޖަވާބު ދެއްވަމުން، ޖޭއެސްސީ ތަމްސީލް ކުރައްވާ ވަކީލް ފަތުހުﷲ އިސްމާއިލް ވިދާޅުވީ، އެކަމަށް އޭނާއަށް އެއްޗެއް ވިދާޅުވާން އުނދަގޫ ކަމަށާއި ފަނޑިޔާރުގެ ކަންބޮޑުވުން ޖޭއެސްސީއާ ހިއްސާކުރައްވާނެ ކަމަށެވެ.

އެއަށްފަހު ދެން ކުރިއަށްދިޔައީ ހުށައެޅިފައިވާ މައްސަލައާ ގުޅޭގޮތުން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ވާހަކަ ދެއްކުމެވެ. އަދި ޝަރީއަތުގެ ވަގުތު ހަމަވުމުން އަޑުއެހުން ވަނީ ނިންމަވާލައްވާފައެވެ.