އިންޑިއާއިން ބައެއް ބާވަތްތަކުގެ ހަނޑޫ އެކްސްޕޯޓް ކުރުން މަނާކުރަން ނިންމީ އެތެރޭގެ ސަބަބުތަކަށް ރިއާޔަތްކޮށް ނަމަވެސް އެކަމުގެ އަސަރު މުޅި ދުނިޔެއަށް ވަނީ ކޮށްފައެވެ.
މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު އިންޑިއާއިން ވަނީ ބާސްމަތީ ނޫން ހުދު ހަނޑޫ އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ. މިފިޔަވަޅު އެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިއުލާނު ކުރި އަދި އަދިވެސް އަމަލުކުރަމުން އަންނަ، ބުރި ހަނޑޫ އެކްސްޕޯޓް ކުރުން މަނާކުރުމާ ސިޔާސަތުގެ ދަށުންނެވެ.
ކާބޯތަކެތީގެ އަގުތައް އުފުލުމާއި އިންފްލޭޝަން މަތިވުމާއި އެލްނީނޯގެ ސަބަބުން ހަނޑުލުގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު ހީވުން ފަދަ ސަބަބުތައް އިންޑިއާއަށް ކުރިމަތިވި ނަމަވެސް، އެ ކަމުގެ އަސަރު މިހާރު މުޅި ދުނިޔެއަށްވެސް ދަނީ ކުރަމުންނެވެ.
"މީގެ ކުރިން ހަނޑުލުގެ ވިޔަފާރި ކުރަމުން ދިޔައީ މެޓްރިކް ޓަނަކަށް 550 ޑޮލަރަށް، މިހާރު އަގުތައް އުޅެނީ 650 ޑޮލަރަށް ވުރެ މަތީގައި" އިންޑިއާގެ ހަނޑޫ އެކްސްޕޯޓް ކުރާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އޮލަމް އެގްރި އިންޑިއާ ޕްރައިވެޓް ލިމިޓެޑްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ނިތިން ގުޕްތާ ބުންޏެވެ.
ދުނިޔޭގައި އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓު ކުރާ ގައުމު
ދުނިޔޭގައި އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓް ކުރާ އިންޑިއާއިން 2022 ވަނަ އަހަރު ދުނިޔޭގެ ހަނޑުލުގެ ވިޔަފާރީގެ ގާތްގަނޑަކަށް 40 ޕަސެންޓް ހިއްސާކޮށްފައި ވާއިރު، 140 ގައުމަކަށް 9.66 ބިލިއަން ޑޮލަރުގެ 22 މިލިއަން ޓަނުގެ ހަނޑޫ އެކްސްޕޯޓް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 4.5 މިލިއަން ޓަނުގެ ބާސްމަތީ ހަނޑޫ، 8 މިލިއަން ޓަނުގެ ޕާބޮއިލްޑް ރައިސް، 6 މިލިއަން ޓަނުގެ ބާސްމަތީ ނޫން ހުދު ހަނޑުލާއި 3.5 މިލިއަން ޓަނުގެ ބުރި ހަނޑުލެވެ.
ޕާބޮއިލްޑް އަދި ބާސްމަތީ ހަނޑޫ އިންޑިއާއިން އެކްސްޕޯޓު ކުރަމުން އައި ނަމަވެސް، އެ ގައުމުން މަނާކުރި ފަހުން ދުނިޔޭގެ ބާޒާރުގައި ހަނޑުލުގެ އަގު ވަނީ 15-25 ޕަސެންޓާ ދެމެދުގެ އަދަދަކަށް އުފުލިފައެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އިންޑިއާގެ ހުދު ހަނޑުލަށް ބަރޯސާވާ ބަންގްލަދޭޝް އާއި ނޭޕާލް ފަދަ ގައުމުތަކުގެ ފަގީރުންނާއި އެފްރިކާގެ ބެނިން، ސެނެގާލް، ޓޯގޯ އަދި މާލީ ފަދަ ގައުމުތަކުގެ ފަގީރުންނަށެވެ.
ރަޝިއާއިން ޔޫކްރެއިންއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ކާޑުގެ ބާވަތްތަކުގެ އަގުތައް މިހާރު ވެސް ވަނީ އުފުލިފައެވެ.
ދުނިޔޭގެ ބާޒާރުގައި ހަނޑޫ ވިއްކުމުގެ 30 ޕަސެންޓް ހިއްސާކުރާ ތައިލެންޑް، ވިއެޓްނާމް އަދި ޕާކިސްތާނުން، ހަތް އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެނބުރި އައި އެލްނީނޯގެ ސަބަބުން ދަނޑުތަކަށް ގެއްލުމެއް ލިބިއްޖެނަމަ، އިތުރު ބާވަތްތައްވެސް އެކްސްޕޯޓު ކުރުން މަނާކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ.
މިކަމުގެ ސަބަބުން ކާޑުގެ ބާވަތްތަކުގެ އިތުރުން ތެލުގެ ޑިމާންޑާއި އަގަށް ވެސް އަސަރު ކޮށްފާނެއެވެ.
އިންޑިއާއިން ހަނޑޫ އެކްސްޕޯޓް ކުރުން މަނާކުރީ ކީއްވެގެން؟
އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންގެ މެދުގައި ހަނޑުލަކީ ކެއުމުގައި ބޭނުންކުރާ މައިގަނޑު ބާވަތެކެވެ. އެގައުމުން އަހަރަކު ގާތްގަނޑަކަށް 135 މިލިއަން ޓަނުގެ ހަނޑޫ އުފައްދަމުން އަންނައިރު، މިއީ ގާތްގަނޑަކަށް 100-105 މިލިއަން ޓަނުގެ އެތެރޭގެ ޑިމާންޑަށް ފުދޭ ވަރަށް ވުރެ ބޮޑު އަދަދެކެވެ. އޭގެ ތެރޭގައި އެ ގައުމުގެ 800 މިލިއަން ފަގީރުންނަށް ސަބްސިޑައިޒް ރޭޓުގައި ބަހާ ހަނޑުލުގެ ބާވަތްތައް ވެސް ހިމެނެއެވެ.
"ސަރުކާރުގެ ގުދަންތަކުގައި ގާތްގަނޑަކަށް 41 މިލިއަން ޓަނުގެ ހަނޑޫ އެބަހުރި. އަހަރެމެންނަކަށް އެއްވެސް އުނިކަމެއް ނެތް. އެކަމަކު ކާބޯތަކެތީގެ އެހެން ހުރިހާ އަގުތަކަކާއެކު އަހަރެމެންގެ ޑޮމެސްޓިކް އަގު ވެސް ދަނީ އުފުލެމުން" އިންޓަނޭޝަނަލް ޕޮޓޭޓޯ ސެންޓަރުގެ އޭޝިއާ ރީޖަނަލް ޑިރެކްޓަރު އަދި ކުރިން ފިލިޕީންސްގެ އިންޓަނޭޝަނަލް ރައިސް ރިސާޗް އިންސްޓިޓިއުޓް (އައިއާރުއާރުއައި) ގެ ޕްރިންސިޕަލް ސައިންޓިސްޓްކަން ވެސް ކުރި ސަމަރެންޑޫ މޮހަންތީ ބުންޏެވެ.
ޔޫކްރައިނުގައި ރަޝިއާ އިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލިފައި ވާއިރު، ފާއިތުވި އަހަރު އިންޑިއާގައި ހަނޑުލުގެ އަގު ވަނީ 10 ޕަސެންޓަށް ވުރެ މައްޗަށް ގޮސްފައި ކަމަށް ބައެއް ވިޔަފާރި ވެރިން ބުނެއެވެ. އެންމެ ފަހުން އެކްސްޕޯޓް ކުރުން މަނާކުރީ އެތެރޭގެ އަގުތައް ދަށްކުރުމުގެ ގޮތުންނާއި، އެލްނީނޯ އިން ހުއްޓިފައި ހުރި ހަނޑުލުގެ ބާވަތްތަކާއި އެހެނިހެން ބާވަތްތަކަށް އަސަރުކޮށްފާނެ ކަމަަށް ރައްކާތެރި ކަމުގެ ފިޔަވަޅެއް އެޅުމުގެ ގޮތުން ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ނަމަވެސް އެތެރޭގެ އަގުތައް އަދިވެސް އުފުލެމުން ދާއިރު، އިންޑިއާ ސަރުކާރުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ އަގުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން 2.5 މިލިއަން ޓަނުގެ ހަނޑޫ އޯޕަން މާކެޓަށް ބާލާނެ ކަމަށެވެ. އަންނަ އަހަރުގެ މެއި މަހު ބާއްވާ އިންޑިއާގެ ގައުމީ އިންތިހާބުގައި ފަސް ސްޓޭޓެއްގެ އިންތިހާބެއް ބޭއްވުމަށް ހަމަޖެހިފައި ވާއިރު، އަގުތައް ހެޔޮކޮށް ބެހެއްޓުމަކީ ވެރިކަން ކުރާ ސަރުކާރަށް ސިޔާސީ ގޮތުން ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން އިންޑިއާގެ އެކްސްޕޯޓް މަނާކުރުން އެހާތަނަށް ދެމިއޮންނާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އެމެރިކާ އާއި ކެނެޑާގައި އިންޑިއާ އިން އެކްސްޕޯޓްކޮށްފައި ހުރި ހަނޑޫ ގަންނަން ރައްޔިތުން ވަނީ ހަލަބޮލިވެފައެވެ. އިންޑިއާގެ ހަނޑުލަށް އޮތް ޑިމާންޑް ބޮޑުކަމުން ބައެއް ފިހާރަތަކުން އާއިލާއަކަށް އެއް ކޮތަޅުގެ ހަނޑޫ ވިއްކާކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ.
މާހިރުން ބުނާގޮތުގައި ހަނޑުލުގެ އަގު އުފުލުމާއި ކާޑުގެ ބާވަތްތަކުގެ ދަތިކަމުގެ ސަބަބުން ތަރައްގީވެފައިވާ ބާޒާރުގައި ކާބޯތަކެތީގެ ބަޖެޓަށް ސީދާ ހީނަރުކަމެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް މާކެޓަށް ކުރާ ނޭދެވޭ އަސަރު އިންޑިއާގެ ގިނަ ބިދޭސީން ދިރިއުޅޭ މެދުއިރުމަތީގެ ގައުމުތަކާއި އުތުރު އެފްރިކާގެ އިތުރުން ހުޅަނގު އެފްރިކާ އާއި އޭޝިއާގެ ބައެއް ގައުމުތަކަށް ކުރާ ނޭދެވޭ އަސަރަކީ ކަންބޮޑުވާ ކަމެކެވެ.
ވިއެޓްނާމްގައި ހަނޑުލުގެ އަގުތައް ފާއިތުވި 15 އަހަރުގެ ތެރޭގައި އެންމެ މައްޗަށް ގޮސްފައިވަނީ މިހާރު ކަމަށް ރިޕޯޓްތައް ބުނާއިރު، ނޭޕާލުގައި ހަނޑުލުގެ އަގު ވަނީ އިންޑިއާއިން މަނާކުރި ފަހުން 16 ޕަސެންޓް އުފުލިފައެވެ.
ޗައިނާއަށްފަހު ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހަނޑޫ އެތެރެކުރާ ފިލިޕީންސް އަށް މޫސުން ގޯސްވެ ތޫފާންތައް ވެސް ވަނީ ގަދަވެފައެވެ. ނޭޕާލާއި ފިލިޕީންސް އިން ވަނީ ހަނޑޫ ޝިޕް ކުރުމުގެ ހުއްދަ ދިނުމަށް އިންޑިއާ ސަރުކާރަށް އަންގާނެ ކަމަށް ބެލެވެއެވެ.
މިދިޔަ އަހަރު އިންޑިއާއިން ބުރި ހަނޑޫ ބޭރުކުރުން މަނާކުރި އިރު، ސަރުކާރުން ސަރުކާރަށް (ޖީޓޫޖީ) ވިއްކުމުގެ އިންތިޒާމް ދޫކޮށްލިއެވެ. އެ ސްކީމްގެ ދަށުން އިންސާނިއްޔަތަށްޓަކައި ސެނެގާލް، އިންޑޮނޭޝިއާ އަދި ގެމްބިއާ އަށް ގާތްގަނޑަކަށް އަށް ލައްކަ ޓަނުގެ ހަނޑޫ އެކްސްޕޯޓް ކުރިއެވެ.
ކާބޯތަކެތީގެ ރައްކާތެރި ކަމަށް ހުރި ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން ޖީޓޫޖީ އެކްސްޕޯޓު ކުރެވޭނެ އިންތިޒާމެއް ވެސް މި އެންމެ ފަހުގެ މަނާކުރުމުގައި ވަނީ ހިމަނާފައެވެ.
"ވަކި ކޯޓާ އުސޫލަކުން ހުދު ހަނޑޫ އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާއިން ދީފާނެކަމުގެ ސިގްނަލް އިންޑިިއާ ސަރުކާރުން އެބަ ދޭ" އޮލަމްގެ ގުޕްތާ ބުންޏެވެ.
އެލްނީނޯގެ ސަބަބުން އިތުރު ފިޔަވަޅުތަކެއް އަޅާފާނެތަ؟
ދުނިޔޭގެ އުފެއްދުންތެރިކަމުގެ 90 ޕަސެންޓް ހިއްސާކުރަނީ އޭޝިއާގެ ހަނޑުލެވެ. އަދި އޭޝިއާގެ ބިމަކީ، އިރުމަތީ ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ފެން ހޫނުވުމުގެ ސަބަބުން، ބޯކޮށް ވާރޭވެހި، ހިރަފުސް އިތުރުވުން ފަދަ މޫސުމީ ވައްޓަފާޅިއެއް ކަމުގައިވާ އެލްނީނޯއަށް ހާއްސަގޮތެއްގައި ނުރައްކާވާ ތަނެކެވެ.
މުރުތުގުއްޑޭ ބުނީ އެލްނީނޯގެ އަސަރު އިންޑިއާގެ 60 ޕަސެންޓް ކުރާ ކަމަށާއި ނަމަވެސް ދެކުނު އިރުމަތީ އޭޝިއާ، ހާއްސަކޮށް އިންޑޮނޭޝިއާއަށް 100 ޕަސެންޓް އަސަރު ކުރާކަމަށެވެ.
އިންޑިޔާގައި މި މޫސުމީ ވިއްސާރަ ނުވަތަ "ހަރީފް" ގޮވާމަކީ ހަނޑޫ އުފެއްދުމުގެ ގާތްގަނޑަކަށް 80 ޕަސެންޓެވެ. އަދި ވިއްސާރަ ނުވެއްޖެނަމަ އިންޑިއާގައި ހަނޑޫ އުފެއްދުމުގެ ގާތްގަނޑަކަށް 35 ޕަސެންޓަށް އަސަރު ކުރާނެ ކަމަށް މޯހަންތީ ބުންޏެވެ.
މީގެ އިތުރުން އަރަބި ކަނޑު ހޫނުވުމުގެ ސަބަބުން ޕާކިސްތާނުގައި ފެންބޮޑުވެ، އެތަނުގެ ދަނޑުތަކަށް ގެއްލުންވެދާނެ ކަމަށް މޫސުމާ ބެހޭ މާހިރުން ލަފާކުރެއެވެ.
މިހުރިހާ ކަމަކުން ހަނޑޫ އުފައްދާ އަދި އެކްސްޕޯޓްކުރާ ގައުމުތަކުގެ ކަންބޮޑުވުންތައް އިތުރުވަމުން އަންނަ އިރު، އެ ގައުމުތަކުން ވަނީ މަދުވެދާނެ ކަމުގެ އުއްމީދުގައި ސްޓޮކް އުފައްދަން ފަށާފައެވެ.
ރާއްޖެ އަކީވެސް އިންޑިއާ އިން ހަނޑޫ އެތެރެ ކުރާ ގައުމަކަށް ވާއިރު، އިންޑިއާގެ މި ފިޔަވަޅުތަކުގެ އަސަރު ކޮންމެވެސް ސިފައެއްގައި ކޮށްފާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ރާއްޖެ އަކީ ހަނޑުލުގެ އަގު ކޮންޓްރޯލް ކޮށްފައި އޮންނަ ގައުމެއް ކަމުން، އާދައިގެ ހަނޑުލުގެ އަގު މައްޗަށް ދިޔަ ނުދީ ސަރުކާރުން ހިފަހައްޓާނެ ކަމަށް ބެލެވެއެވެ. އެއާ ހިލާފަށް ރާޢްޖޭގެ ބާޒާރުގައި ލިބެން ހުންނަ، ބާސްމަތީ، ބްރައުން ރައިސް އަދި ރެޑް ރައިސްގެ އަގު މިހާރު ހުރީ ކުޑަކޮށް އުފުލިފައެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި 106 ރުފިޔާ އަށް ލިބެން ހުރި ބްރައުން ރައިސް ފުޅި މިހާރު ވަނީ ބައެއް ފިހާރަތަކުގައި 146 ރުފިޔާ އަށް އުފުލިފައެވެ.