ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ މޫޑީސް އިން ރާއްޖޭގެ ރޭޓިން "ސީއޭއޭ1" އިން "ސީއޭއޭ2" އަށް ދަށްކޮށްފިއެވެ.
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަށް ކޮށްފައިވާ އިރު، ރާއްޖޭގެ އައުޓްލުކް ރިވިއުގައި ބައިންދަން ވަނީ ނިންމާފައެވެ. އެއީ ރާއްޖެއިން ބޭރު ދަރަނި އަދާކުރަން ޖެހޭ ހާލަތު ކުރިއަށް އޮތްތަނުގައި އިތުރަށް ގޯސްވާނެތީ ކަމަށް މޫޑީސް އިން ބުނެއެވެ. އެގޮތުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ރިވިއުކުރާ މުދައްތުގައި ބޭރުން ފައިނޭންސިން ހޯދޭތޯ ބަލާނެ ކަމަށާއި ބައިލެޓްރަލް ފައިނޭންސިން ނުވަތަ ރާއްޖޭއާ ގާތް ގައުމުތަކުން ފައިނޭންސް ހޯދައިގެން، ރާއްޖޭގެ ރޭޓިން މަތި ކުރެވިދާނެ ކަމަށް ވެސް މޫޑީސް އިން ބުނެފައި ވެއެވެ.
ކްރެޑީޓް ރޭޓިންގް ގައި މިދިޔަ ޖުލަި މަހު ވެސް ރާއްޛޭގެ ރޭޓިން "ސީއޭއޭ1" ދީފައިވާ އިރު، މި މަހު އެ ރޭޓިން ދަށްކޮށްފައި ވަނީ، ކުރިން ފާހަގަކޮށްފައިވާ އިސްލާހީ ފިޔަވަޅުތަކަށް އެކަށީގެންވާ ބަދަލުތަކެއް ގެނެސްފައި ނުވާތީ ކަމަށް ވެސް މޫޑީސް އިން ބުނެއެވެ. ހަމައެއާއެކު ރާއްޖޭގެ ސުކޫކު ވެސް ވަނީ މޫޑީސް އިން "ސީއޭއޭ2" އަށް ދަށްކޮފައެވެ. ސުކޫކުގެ ރޭޓިންގެ އައުޓްލުކް ވެސް ވަނީ "އަންޑަ ރިވިއު" ގައި ހިމަނާފައެވެ.
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަށްކުރީ މީގެ ކުރިން ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރުމަށް އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ހިމެނި ބޭރުގެ ދަރަނި އިތުރުުމާ ގުޅިގެންނެވެ. ހަމައެއާއެކު ވޭތުވެދިޔަ މަސް ތަކުގައި ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ދަށްވަމުން ދާކަން މޫޑީސް އިން ވަނީ ފާހަގަކޮށްފައެވެ.
ވޭތުވެ ދިޔަ 10 މަހުގެ ދައުލަތުގެ ރިޒާވް:
- ނޮވެމްބަރު: 581.17 މިލިއަން ޑޮލަރު
- ޑިސެމްބަރު: 590.52 މިލިއަން ޑޮލަރު
- ޖެނުއަރީ: 551.08 މިލިއަން ޑޮލަރު
- ފެބްރުއަރީ: 588.82 މިލިއަން ޑޮލަރު
- މާޗް: 541.76 މިލިއަން ޑޮލަރު
- އޭޕްރިލް: 622.07 މިލިއަން ޑޮލަރު
- މެއި: 492.18 މިލިއަން ޑޮލަރު
- ޖޫން: 509.21 މިލިއަން ޑޮލަރު
- ޖުލައި: 395.43 މިލިއަން ޑޮލަރު
- އޮގަސްޓް: 443.88 މިލިއަން ޑޮލަރު
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ދައުލަތުގެ ރިޒާވް ހުރީ 581.17 މިލިއަން ޑޮލަރުގައެވެ. އެ ހިސާބުން ފެށިގެން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް އައި އިރު، ރިޒާވް އެންމެ މައްޗަށް ގޮސްފައި ވަނީ 622 މިލިއަން ޑޮލަރަށެވެ. ނަމަވެސް އެއަށްފަހު ވެސް ރިޒާވް ދަށް ވެ މި ވަގުތު ރިޒާވް ހުރީ 444 ގައެވެ.
މޫޑިސްގައި ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވާއިރު، ފިޗްގެ ރޭޓިންގައި މިދިޔަ މަހު ރާއްޖޭގެ ރޭޓިން ސީސީސީ އިން ސީސީއަށް ވަނީ ދަށްކޮށްފައެވެ.