އާ ސަރުކާރު ވެރިކަމާ ހަވާލުވި އިރު، އިގްތިސޯދު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި އިގްތިސޯދު ދަށަށް ދަނީ މި ސަރުކާރުން ކަން ކުރާ ގޮތުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ، ރާއްޖޭގެ މާލީ އަދި އިގްތިސޯދު ހާލަތު ދަށަށް ސިއުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރުމަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އަމީރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިގްތިސޯދަށް އައި އެންމެ ބޮޑު ގިންޖެހުމަކީ ކޮވިޑްގެ އާޅަމީ ވަބާ ކަމަށެވެ. އެކަމާ ގުޅިގެން އިގްތިސޯދު ހަމައަކަށް އެޅުވުމަށް ގިން ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އަދި އެ އަންދަވަޅުން އަރައިގަތުމަށް އެހީގެ ގޮތުގައި ފައިސާ ހޯދަން ޖެހުން ކަމަށެވެ. އެގޮތުން މި ސަރުކާރު ނިމުމާ ހަމައަށް އައި އިރު، އިްގތިސޯދު ރަނގަޅު ހާލަތަކަށް ގެނެސްފައިވާ ކަމަށާއި ޓޫރިޒަމުން ލިބޭ އާމްދަނީ ވެސް ރަނގަޅު ކުރެވުނު ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އިގްތިސޯދީ ހާލަތު ދަށަށް ގޮސްފައި ވަނީ މި ސަރުކާރުން ޑްރޯން ގަތުމަށް ކުރި ހަރަދާއި، ރިކަރެންޓް ހަރަދުތަކުގެ ސަބަބުން ކަމަށް އަމީރު ފާހަގަ ކުރެއްވިއެވެ.

ކުރީ ސަރުކާރުން ރިޔާސީ އިންތިހާބު ކުރިމަތީގައި އޮއްވާ 2022 ވަނަ އަހަރު ވަނީ ޖީއެސްޓީ އިތުރުކޮށްފައެވެ. މި ކަން ކުރެއްވީ ވެސް ގައުމުގެ އިގްތިސޯދު ރަނގަޅު ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވެފައި ވާތީ ކަމަށް އަމިރު ފާހަގަ ކުރެއްވިއެވެ. މިއަދު މި ސަރުކާރަށް އާމްދަނީ ރަނގަޅު ވަމުން އަންނަ އެއް ސަބަބެއްގެ ގޮތުގައި އަމީރު ފާހަގަ ކުރެއްވީ އޭރު ޖީއެސްޓީ ބޮޑު ކުރުމުން ކަމަށެވެ.

މީގެ އިތުރުން ވެރިކަން ބަދަލުވި މުއްދަތުގައި ޓްރާންސިޝަން މަރުހަލާގައި ފިނޭންސް މިނިސްޓްރީން ވަނީ ކުރީ ސަރުކާރަށް މާލީ ހާލަތު އޮތް ގޮތާއި ކުރިމަތިވާނެ ގޮން ޖެހުންތަކާއި، އެ ގިންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަން ހިއްސާކޮށްފައި ކަމަށް އަމީރު ވިދާޅުވިއެވެ. އެ ވާޙަކތަކަށް ރަްދު ދެއްވަމުން މިހާރު އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ، ތިއީ ސިޠަށީ މީހުން ކުރާނެ ކަމެއް ނޫން ކަމަށާއި ތިކަންކަން ކުރާނީ ދެވަނަ ޓާމުގައި ކަމަށް އަމީރު ވިދާޅުވިއެވެ.

ސަރުކާރާ ހަވާލުވި އިރު މާލީ ހާލަތު އޮތް ގޮތް އަދި ހުރި ގޮންޖެހުންތައް އެ ސަރުކާރަށް އެނގޭ ހާލުގައި ވެރިކަމަށް އައުމަށް ފަހު ވަނީ ސިޔާސީ މަގާމުތަކަށް ވެސް މާ ގިނަ މީހުން އައްޔަން ކޮށްފައި ކަމަށް އަމިރު ވިދާޅުވިއެވެ. ކުރިން 700 ގައ އޮތް އަދަދު ވަރަށް ބޮޑުތަނުން އިތުރުވި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.