މިދިޔަ މެއި މަހު ދައުލަތުގެ ރިޒާވް އިން 130 މިލިއަން ޑޮލަރު ދަށަށް ދިޔަ ނަމަވެސް ޖޫން މަހު ރިޒާވް އިތުރުވެ، 509.21 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މެއި މަސް ނިންމާލި އިރު ދައުލަތުގެ ރިޒާވްގައި ހުރީ 492.18 މިލިއަން ޑޮލަރެވެ.

މިއާ އެކު އެއް މަސް ދުވަހުގެ ތެރޭގައި ރިޒާވަށް މި ވަނީ 17.03 މިލިއަން ޑޮލަރު އިތުރުވެފައެވެ. ވޭތުވެދިޔަ އަށް މަސް ދުވަހަށް ބަލާއިރު މިދިޔަ މެއި މަހަކީ މި އަހަރު ތެރޭ ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް ދަށް ވި މަސް ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

ވޭތުވެ ދިޔަ އަށް މަހުގެ ދައުލަތުގެ ރިޒާވް:

  • ނޮވެމްބަރު: 581.17 މިލިއަން ޑޮލަރު
  • ޑިސެމްބަރު: 590.52 މިލިއަން ޑޮލަރު
  • ޖެނުއަރީ: 551.08 މިލިއަން ޑޮލަރު
  • ފެބްރުއަރީ: 588.82 މިލިއަން ޑޮލަރު
  • މާޗް: 541.76 މިލިއަން ޑޮލަރު
  • އޭޕްރިލް: 622.07 މިލިއަން ޑޮލަރު
  • މެއި: 492.18 މިލިއަން ޑޮލަރު
  • ޖޫން: 509.21 މިލިއަން ޑޮލަރު

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ދައުލަތުގެ ރިޒާވް ހުރީ 581.17 މިލިއަން ޑޮލަރުގައެވެ. އެ ހިސާބުން ފެށިގެން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް އައި އިރު، ރިޒާވް މި ވަނީ ކުރިއަށް ޖެހިފައެވެ. ނަމަވެސް މެއި މަހު ވަރަށް ބޮޑަށް ރިޒާވް ދަށަށް ގޮސްފައި ވީ ނަމަވެސް ޖޫން މަހު ރިޒާވް އިތުރުވާން މި ވަނީ ފަށާފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ގައި ހުރީ 590.52 މިލިއަން ޑޮލަރެވެ. 2023 ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ އަހަރުގެ މާޗް މަހު ނިންމާލި އިރު ރިޒާވްގައި ހުރީ 764.63 މިލިއަން ޑޮލަރެވެ. އަދި އެ އަހަރުގެ އޭޕްރީލް މަސް ނިންމާލި އިރު ރިޒާވްގައި ހުރީ 756.81 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މާޗް އޭޕްރީލް މަހާއި މިއަހަރުގެ އެ މުއްދަތާ އަލާބަލާއިރު، ރިޒާވްގައި ހުރި މިންވަރު މި ވަނީ ދަށްވެފައެވެ.

މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު އެންމެ ބޮޑަށް ދައުލަތުގެ ރިޒާވް ދަށަށް ގޮސްފައި ވަނީ އެ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެ މަހު ރިޒާވްގައި ހުރީ 552.25 މިލިއަން ޑޮލަރެވެ.

2022 ވަނަ އަހަރު ދައުލަތުގެ ރިޒާވް އެންމެ މައްޗަށް ގޮސްފައި ވަނީ މާޗު އަދި އެޕްރީލްގައެވެ. މާޗު މަހު ރިޒާވް 862 މިލިއަން ޑޮލަރަށް އެރި އިރު އެޕްރީލް މަހު ރިޒާވް ހުރީ 829 މިލިއަން ގައެވެ.