ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދާތީ މަހަކުން ދެމަހުން އަދި އަހަރު ވާއިރު ކޭކް ފަޅައެވެ. ރާއްޖޭގެ ރީތިކަން ދެކެލަން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރުމަކީ، ދައުލަތަށް އެމެރިކާ ޑޮލަރު ލިބޭނެ މުހިންމު ސަބަބެކެވެ. އެތެރެވާ ކޮންމެ މީހަކަށް ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ އާއި ޓީޖީއެސްޓީގެ ގޮތުގައި ނަގާ ފައިސާ އަކީ ސީދާ ޑޮލަރުން ލިބޭ އާމްދަނީއެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ނިމިދިޔަ 3 މަސް ދުވަހު އާމްދަނީގެ ގޮތުގައި ޑޮލަރު ހިމެނޭހެން ދައުލަތަށް 5.84 ބިލިއަން ރުފިޔާ ލިބިފައި ވާ އިރު އޭގެ ތެރެއިން އެމެރިކާ ޑޮލަރުން 236.02 މިލިއަން (3.62 ބިލިއަން ރުފިޔާ) ލިބިފައި ވެއެވެ.
ޑޮލަރުން އާމްދަނީ ލިބިފައިވާ ދާއިރާތައް؛
- ޓީޖީއެސްޓީ – 140.73 މިލިއަން ޑޮލަރު
- ޓޫރިޒަމް ލޭންޑް ރެންޓް – 27.41 މިލިއަން ޑޮލަރު
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ – 18.92 މިލިއަން ޑޮލަރު
- ޑިޕާޗާ ޓެކްސް – 18.67 މިލިއަން ޑޮލަރު
- ގްރީން ޓެކްސް – 16.64 މިލިއަން ޑޮލަރު
- އެހެނިހެން ޓެކްސް – 13.64 މިލިއަން ޑޮލަރު
މިއީ ރުފިޔާ ނުހިމަނާ ފާއިތުވި 3 މަހަށް (އޭޕްރީމް، މެއި އަދި ޖޫން) އަށް ދައުލަތުގެ އެކައުންޓްތަކުގައި ހުންނަން ޖެހޭނެ ޑޮލަރުގެ އަދަދުތަކެވެ. އެއީ އެ 3 މަހަށް 236 މިލިއަން ޑޮލަރެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާ (ޖެނުއަރީ، ފެބްރުއަރީ އަދި މާޗް) ގައި 324.63 މިލިއަން ޑޮލަރު ލިބިފައި ވެއެވެ. 2 ކްއާޓާ އެއްކޮށްލީމައި 560.64 މިލިއަން ޑޮލަރު ދައުލަތަށް ވަނީ ލިބިފައެވެ.
ދެން އާންމުން ކުރާ ސުވާލަކީ މި ހުރިހާ ޑޮލަރު ހުރެ ބީއެމްއެލް އިން ޑޮލަރު ދިނުން ހުއްޓާލަނީ ކީއްވެތޯއެވެ. އޭގެ ޖަވާބު ވަރަށް ފަސޭހައެވެ.
ރުފިޔާއިން ވިޔަސް އަދި ޑޮލަރުން ވިޔަސް ދައުލަތަށް ލިބޭހާ އާމްދަނީ އަކީ ބޭންކް އޮފް މޯލްޑިވްސް އަށް ދާ އެއްޗެއް ނޫނެވެ. އެ ފައިސާ ހުންނަނީ ދައުލަތުގެ އެކައުންޓްތައް ބަލަހައްޓާ ފަރާތް، އެމްއެމްއޭގެ ބެލުމުގެ ދަށުގައެވެ. އެ ފައިސާ އަކީ ބޭންކްތަކަށް އެކިއެކި ފަރާތްތަކުން ޖަމާ ކުރާ އެމެރިކާ ޑޮލަރުގެ އިތުރުން ބޭންކްތަކަށް ޑޮލަރު ބޭނުންވާ ވަގުތުތަކުގައި ބޭންކް ތަކަށް ވިއްކާ އެއްޗެކެވެ.
ބޭންކް އޮފް މޯލްޑިވްސް އިން 2023 ވަނަ އަހަރުގެ ހިސާބުތައް ހިމަނާ ނެރުނު އަހަރީ ރިޕޯޓު ބުނާ ގޮތުން އެ ބޭންކަށް އާންމުން (ރީޓެއިލް، ކޯޕަރޭޓް، ބީއެމްއެލް އިސްލާމިކް) އިން ޖަމާ ކުރި ފައިސާގެ އަދަދު 2022 އަށް ވުރެ 1.6 ބިލިއަން ރުފިޔާ އިތުރުވެ ޖުމްލަ 30.8 ބިލިއަނަށް ރުފިޔާއަށް އެރި އިރު، އޭގެ 45 ޕަސެންޓަށް ވުރެ މަތީ އަދަދަކީ އެމެރިކާ ޑޮލަރުން ޖަމާކުރި ފައިސާއެވެ.
ހަމައެހެންމެ ރުފިޔާގެ ބަދަލުގައި ކާޑާއި އެކިއެކި ޕޭމަންޓުތަކަށް ޑޮލަރު ދޫކުރުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް ދިވެހި ރުފިޔާ އާއި ޑޮލަރުގެ ހާލަތު 2023 ނިމުނު އިރު ހުރީ 'ވަރަށް ގަދަކޮށް' ނުވަތަ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ. އެ ގޮތުން ރުފިޔާގެ ލިކްއިޑިޓީ ކަވަރޭޖް ރޭޝިއޯ (އެލްސީއާރު) ހުރީ 185 ޕަސެންޓު އަދި އެމެރިކާ ޑޮލަރު ހުރީ 107 ޕަސެންޓުގައި ކަމަށް ބުނެފައި ވެއެވެ.
އެ ރިޕޯޓުގައި އެކަންކަން ފާހަގަ ކޮށްފައި އޮތް ނަމަވެސް ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ތަކެތި އިމްޕޯޓު ކުރުމަށް އެމެރިކާ ޑޮލަރުގެ ބޭނުން ކުރަން ޖެހޭތީ، ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ހުރިކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް ބޭންކުން ޑޮލަރު ހިފަހައްޓަން ބޭނުންވާ އެންމެ ދަށް މިންވަރަށް ވެއްޓިގެން ގޮސްފައި ނުވާ ކަމަށާއި، 2022 ގައި 140 ޕަސެންޓުގައި ހުރި އެއްޗެއް 2023 ގައި 107 ޕަސެންޓަށް ވެއްޓުނު ނަމަވެސް 2023 ނިންމާލީ ރަނގަޅު ހާލަތުގައި ކަމަށް ބުނެފައި ވެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން އެހެން ބޭންކުތަކުގައި ވެސް ޑޮލަރު ހުރެއެވެ. މިސާލެއްގެ ގޮތުން ބައެއް ފަރާތްތަކުން އިސްލާމިކް ބޭންކްގެ ވާހަކަ ފާހަގަ ކުރާތީ 2 ކަމެއް ފާހަގަ ކޮށްލާނަމެވެ. ބީއެމްއެލް ގޮތަށް ޑޮލަރު އެކައުންޓެއްގައި ޑޮލަރު ހުރެފައި ޑޮލަރު ކާޑެއް އޮތިއްޔާ ދެތަނުންވެސް ޑޮލަރު ލިބެއެވެ. ބީއެމްއެލް އާ ހިލާފަށް އެމްއައިބީގައި ކްރެޑިޓް ކާޑު ނުހުންނަތާނގައި އެއީ ބީއެމްއެލް އަށް ދާ ކަސްޓަމަރުންގެ 2 ޕަސެންޓްވެސް ދާ ތަނަކަށް ނުވުމުން ދެތަނުގެ ކޭޝްފްލޯ އަޅާ ކިޔާނެ ހަމައެއް ނެތެވެ.
ދެން އަނެއް ބަޔަކު އުފައްދާ ސުވާލަކީ ރާއްޖެއަށް މިލިއަން ފަތުރުވެރިން އަންނަ އިރު އަދި އެވަރަށް ޑޮލަރު ވަންނަ އިރު އެފައިސާ ދަނީ ކޮންތާކަށްތޯއެވެ.
އަމިއްލަ އުފެއްދުންތެރިކަމެއް ނެތި ހުރިހާ އެއްޗެއް އިމްޕޯޓު ކުރާ ގައުމެއްގައި އާންމުން ކާން ބޯން ބޭނުންވާ އެތިކޮޅު ގަންނަން ލިބެނީ ޑޮލަރަށެވެ. ދުއްވާ ހާ ވެހިކަލްތަކާއި ކަނު އަނދިރިން ސަލާމަތްވާން ހިންގާ ހާ ޖަނަރޭޓަރުތަކާއި އުޅަނދުފަހަރަށް އަޅާ ތެޔޮ ގަންނަން ލިބެނީ ޑޮލަރަށެވެ. އަދި ބޭހާއި ރައްޔިތުން ބޭނުންކުރާ އެނޫންވެސް (ރާއްޖޭގެ ކަނޑުފަޅާއި ދަނޑުބިމުން ލިބޭ މަދުއެއްޗެއް ފިޔަވައި) ހުރިހާ ތަކެއްޗަކީ ޑޮލަރު ދީގެން ރާއްޖެއިން ބޭރުން ގަނެގެން ގެންނަން ޖެހޭ އެއްޗެއްސެވެ.
ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާއެކު ތަކެތީގެ އަގުން ޑޮލަރެއް ކުޑަވީމައި ހެޔޮވާހެން ޑޮލަރެއް ބޮޑުވީމައި ހަރަދު ކުރަންޖެހޭ އަދަދުވެސް އިތުރުވާނެއެވެ.
ދެން އޮތީ، ލިބޭ އާމްދަނީއާ ނުބައްދަލު ހަރަދުން ނޫނީ އާންމު ހިދުމަތްތައް ދީ، އުމްރާނީ ތަރައްގީ އާއި ތައުލީމާއި އެނޫންވެސް ކަންކަން އިންތިޒާމްކޮށް ގައުމު ހިންގެން ނެތިގެން ނަގާފައި ހުރި ބޭރުގެ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާގެ ވާހަކައެވެ. އެ ފައިސާ އަކީވެސް ޑޮލަރުން ދައްކަން ޖެހޭ އެއްޗަކަށް ވާއިރު، އެ ލޯންތައް ވެސް ހުންނަނީ މިތާ ރާއްޖޭގެ ބޭންކަކުން ދޫކުރާ ލޯނުހެން މަހުން މަހުން އިންޓަރެސްޓް އަރާ ގޮތަށެވެ. އެކި ލޯނުތަކުގެ އަދަދާއި އިންޓަރެސްޓް ތަފާތުވެގެން ދާއިރު ދައްކަން ޖެހޭ މިންވަރުވެސް ތަފާތެވެ.
ކޮންމެ 5 އަހަރަކުން ސަރުކާރެއް ބަދަލުވެގެން އަންނަ އިރު، އެ ސަރުކާރަކުން ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް ދިނުމަށް މިފަދަ ލޯނުތައް ނަގާއިރު، ލޯނު ދޭން ތިބެނީ މިތާނގެ ބޭންކްތައްހެން ބޭރުގައި ވެސް ހަމަ އެއްބަޔެކެވެ.
ދީފައި އޮންނަ ލޯނު އަދާ ނުކޮށް އޮވެ ހުރިހާ ސަރުކާރަކުން އެ މީސްމީހުންގެ (މާލީ އިދާރާތައް) ގާތަށް ކޮންމެ 5 އަހަރަކުން ލޯނު ހޯދަން ދިޔައިމައި ދެވަނަ ލޯނެއް ދޭން އެ ފަރާތްތަކުންވެސް ވިސްނާނެތާއެވެ.
އެގޮތުން ބަލާއިރު، ކުރީ ސަރުކާރުތަކުން ނަގާ، ދައްކަން ޖެހުނު އިރު މިސަރުކާރަށް ލައްވާލި ލޯނުތަކުގެ ލިސްޓަށް ބަލާއިރު މިއަހަރުގެ ބާކީ އޮތް ކޮންމެ މަހަކަށް ދައްކަން ޖެހޭ ލޯނުގެ މިންވަރުތައް ފެންނަން އެބަހުއްޓެވެ. މި ނިމޭ އޮގަސްޓުން ފެށިގެން ޑިސެމްބަރަށް ޖުމްލަ 262 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އެގޮތުން؛
- ޖޫން – 56 މިލިއަން ޑޮލަރު
- ޖުލައި – 48 މިލިއަން ޑޮލަރު
- އޮގަސްޓް – 54 މިލިއަން ޑޮލަރު
- ސެޕްޓެމްބަރު – 64 މިލިއަން ޑޮލަރު
- އޮކްޓޯބަރު – 68 މިލިއަން ޑޮލަރު
- ނޮވެމްބަރު – 19 މިލިއަން ޑޮލަރު
- ޑިސެމްބަރު – 57 މިލިއަން ޑޮލަރު
މިތާނގެ ބޭންކަކުން ނަގާ ލޯނެއްހެން މި އަދަދުތަކަކީ ނިމިދިޔަ ސަރުކާރު (ހާއްސަކޮށް އެމްޑީޕީގެ ސަރުކާރުން) ދަރަނި ދެއްކުމުގެ ނަމުގަ އާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ ނަމުގައި ނަގާފައި ހުރި ފައިސާ އާއި އޭގެ ކުރީ ސަރުކާރުތަކުން ނަގާ، ދައްކަމުން ދައްކަމުން ގެންދަން ޖެހިފައި ހުރި ފައިސާއެވެ.
ދައުލަތަށް ލިބޭ އާމްދަނީ އާ ނުބައްދަލު މިންވަރަކަށް ލޯނު ނަގާ ދަރުވާލުމަކީ ހަރުދަނާ މާލީ ނިޒާމެއްގައި ކަން ކުރާނެ ގޮތަށް ނުވާ އިރު، ނިމިދިޔަ ސަރުކާރުން އެކަން އެގޮތަށް ކޮށްފައި ވަނީ ކޮން ވިސްނުމެއްގައި ކަން ސާފެއް ނުވެއެވެ.
މަހުން މަހަށް ދައްކަން ޖެހޭ ލޯނު ދައްކާ މިންވަރަށް ރާއްޖެއަށް މަހުން މަހަށް އާމްދަނީ ލިބެން ޖެހުނަސް ނުވެ އޮތް ކަމަކީ ލިބެން ޖެހޭ ހުރިހާ އާމްދަނީއެއް ސަރުކާރުތަކަށް ހޯދިފައި ނެތުމާއި ހަރުދަނާ ކުރަން ޖެހޭ މާލީ ނިޒާމު ހަރުދަނާ ކުރުމެވެ.
މިސާލަކަށް، ރާއްޖޭގެ އުފެއްދުންތައް ބޭރަށް ވިއްކައިގެން ލިބޭ ކުޑަ އާމްދަނީއާ ހިލާފަށް ޓެކްހުގެ ގޮތުގައާއި އެކިއެކި ފީތަކާއި ޖޫރިނާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް ހުރީ ނުހޯދައެވެ. އޭގެ ތެރޭގައި ބިދޭސީންނަށް ދައްކަން ޖެހޭ ފީތަކާއި، ފަތުރުވެރިކަމުގެ ދާއިރާތަކުން ދޭން ޖެހޭ ފީތަކާއި އާންމު ފަތުރުދުންނާއި އެކިއެކި ވިޔަފާރިތަކުން ލިބެންޖެހޭ ބޮޑެތި އަދަދުތަކުގެ ފައިސާ ހިމެނެއެވެ. އެއީ އެކިއެކި ސަބަބުތަކާ މަތިކޮށް މައާފުކޮށްދީފައި ވާ ފައިސާ ނުހިމަނައެވެ.
ދެން އޮތީ ޑޮލަރުގެ ތާށިކަމަށް ހައްލު ގެނައުމަށް ކުރަން ޖެހޭ މުހިންމު ކަމެކެވެ. އެއް ކަމަކީ ފަތުރުވެރިކަމުގެ ދާއިރާގެ އިންކަމް ޓެކްސް ޑޮލަރުން ނަގާގޮތަށް މީރާގެ އުސޫލުތަކަށް ކުޑަ އިސްލާހެއް ގެނައުމެވެ. މިހާރު އޮންނަނީ ފަތުރުވެރިކަމުގެ ދާއިރާގެ އިންކަމް ޓެކްސް ރުފިޔާއިން ދެއްކިޔަސް ވަރިހަމަ ވާ ގޮތަށެވެ. ހަމައެހެންމެ ފަތުރުވެރިކަމާ ގުޅުން ހުރި ހުރިހާ ފީތަކާއި ޓެކްސްތައް މިހާރުން މިހާރަށް ޑޮލަރަށް ބަދަލު ކުރުމަކީ މިހާރު ދިމާވެފައި އޮތް ހާލަތުގެ މުހިންމު އެއް ހައްލެވެ.
ދެވަނަ ކަމަކީ، ރާއްޖެއާއި ބޭރާއި ދެމެދު ބޭރު ފައިސާއިން ކުރާ ހުރިހާ މާލީ މުއާމަލާތެއް ބޭންކް ތެރެއަށް ވަދެފައި ނޫނީ ނުކުރެވޭ ގޮތަށް ގާނޫނީ ނިޒާމު އިސްލާހު ކުރުމެވެ. މިލިއަނުން ފަތުރުވެރިން އައިސް ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ބައެއް ފީތައް ޑޮލަރުން ލިބޭ އިރު، އެ ޑޮލަރު ބޭންކުގައި ނުހުންނަ ސަބަބު ނައްތާލުމަށް ގާނޫނީ އެ ހައްލަކީ ކޮންމެހެންވެސް ގެންނަން ޖެހޭ ހައްލެކެވެ.
ތިންވަނަ ކަމަކީ ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ ފަރާތްތަކުން ބޭރުކުރާ ރެމިޓޭންސް ނުވަތަ އެމީހުންގެ ގައުމުތަކަށް ފޮނުވާ ފައިސާ ލިމިޓް ކުރެވޭނެ އިންތިޒާމާއެކު ބޭންކުގެ ތެރެއަށް އެ ފައިސާ ވަދެފައި ނޫނީ އެ މުއާމަލާތްވެސް ނުކުރެވޭ ގޮތަށް ހެދުމެވެ. މިހާރު ބޭންކަށް ނުވަދެ، އަތުން ހިފައިގެން ފުރައިގެން ދިޔުމަށް އެމީހުނަށް އޮތް ފުރުސަތު ހަނިކުރުމަކީވެސް އެޅިދާނެ ފިޔަވަޅެކެވެ.
ހަތަރުވަނަ ކަމަކީ، އާންމުންގެ އަތުގައި ހުންނަ ޑޮލަރު ބޭންކަށް ޖަމާ ކުރުމަށް ހިތްވަރު ލިބޭނެ އިތުބާރު މާހައުލެއް އުފެއްދުމެވެ. އެފަދަ މާހައުލެއް ގާއިމު ކުރުމަށް މިވަގުތަށް ކުރަން ފެންނަ އެއްކަމެއްގެ ގޮތުގައި ދެކެނީ، އެތަން ޒަމާނެއް ވާންދެން ޑަމީ ރޭޓެއްގައި ހިފަހައްޓައިގެން ތިބި ޑޮލަރު ރޭޓް، ރިއަލިސްޓިކް ރޭޓަށް ބަދަލުކުރުމެވެ.
ފަސްވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރަން ބޭނުންވަނީ، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ އިޝްރާފު ކުޑަކޮށް ރަނގަޅު ވެލިއު (ރަނގަޅު އަގުލިބޭ) މާލީ އިންތިޒާމުތަކަށް ދައުލަތުން އިންވެސްޓް ކުރުމެވެ.