ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެންމެ އުތުރުން ފަތުރުވެރިކަމަށް ހާއްސަކޮށްގެން ތަރައްގީކުރާ ރަށް، "އާބަން އައިލް"ގައި ސާވިސް އެޕާޓްމަންޓް ތަރައްގީ ކުރުމަށް 6500-8000 އަކަފޫޓާ ދެމެދުގެ 10 ބިމެއް ބިޑަށް ހުޅުވާލައިފިއެވެ.

އާބަންކޯއިން ބުނީ ފަތުރުވެރިކަމަށް ހާއްސަކޮށްގެން ތަރައްގީކުރާ ރަށުގައި ރެޒިޑެންޝަލް އެޕާޓްމަންޓުތައް ތަރައްގީކުރަން ދޫކުރާ ބިންތަކަކީ 6،500-8،000 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށެވެ.

މި ބިންތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 200،000 އާއި 245،000 ޑޮލަރު އަގެއް ކަނޑައަޅާފައިވާއިރު މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށްވެސް ވަނީ ހުޅުވާލާފައެވެ.

އާބަންކޯ ބުނީ، އެ ބިންތަކުގައި ހިންގާ މަޝްރޫއުގެ އަގު އުޅޭނީ 4.9 މިލިއަން ޑޮލަރު (76 މިލިއަން ރުފިޔާ) އިން ފެށިގެން 6.5 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) އާ ދެމެދުއެވެ. އަދި މި ބިންތަކުގައި ހަދާ އިމާރާތްތަކުގެ އުސްމިން ކަނޑައަޅާނީ ބިމުގެ ލޮކޭޝަން އަށް ބެލުމަށް ފަހުގައި ކަމަށާއި އެ އިމާރާތްތަކުގައި އެއް ކޮޓަރީގެ އެޕާޓްމަންޓުން ފެށިގެން ހަތަރު ކޮޓަރީގެ އެޕާޓްމަންޓު ހަދަން ޖެހޭ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަން އައިލް، އަކީ ހުޅުމާލޭގެ އެއްމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. އާބަންކޯއިން ބުނީ، ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައި ވުމުން މި ތަނުގެ ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތަށް ހިމެނޭނެ ކަމަށާއި މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނޭ ކަމަށް އާބަންކޯއިން ބުނެއެވެ.

މީގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތިއެއްގެ ރެސްޓޯރަންޓްތައް ވެސް ހުންނާނެ ކަމަށް އާބަންކޯއިން ވަނީ ފާހަގަކޮށްފައެވެ. އާބަންކޯއިން ބުނީ، މިފަދަ ގިނަ ޑިވަލޮޕްމަޏްޓުތަކެއް ހިމެނިފައި ވުމުން، އާބަން އައިލް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށް ވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށް ކަމަށެވެ.

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެއާއި އާބަން އައިލް ގުޅިފައި ވުމުގެ އިތުރުން، މިތަނުގައި ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗާގެ ސަބަބުން މިތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ ލިބިގެންދާނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

އާބަންކޯއިން ބުނީ، އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާއެކުވާ ސްމާޓް އިންފްރާސްޓްރަކްޗާއެއް، އެކުންފުނިން މިވަގުތު ގާއިމު ކުރަމުންދާއިރު، ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި ޕްރޮޖެކްޓު ތަރައްގީ ކުރުމަށް ކުންފުނިން އިސްކަންދޭ ކަމަށެވެ. އަދި އިންވެސްޓަރުންނަށް ލީސް މޮޑެލް، އަދި ޖޮއިންޓް-ވެންޗަރ މޮޑެލްގެ އިތުރުން އެހެނިހެން މޮޑެލް ތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެހެން ވަރަށް ލުއި ގޮތްތަކެއް ރާވާފައިވާ ކަމަށް އާބަންކޯއިންބުނެއެވެ.