"ބިންވެރިޔާ" ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރަން ނިންމި ގޯތީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އަށް ލިބިވަަޑަޑައިގެންނެވި ގޯއްޗަކީ ސަރުކާރުގެ ނުފޫޒުން ލިބިވަޑައިގެންނެވި ގޯއްޗެއް ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ ރައްދު ދެއްވައިފިއެވެ.

އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އަދި ސަރުކާރުގެ ދިފާއުގައި ބަސް ވިދާޅުވެ އުޅުއްވާ ރޮޒެއިނާ އަށް ގޯތި ލިބިވަަޑައިގަތީ މި ސަރުކާރުގެ ހެޔޮ ވެރިކަމުންތޯ ސުވާލު އުފައްދާ މީހަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ މިއީ ހަމަ ހެޔޮވެރިކަން ކަމަށާއި މާލޭގެ ރައްޔިތުންނަށް ގޯތި ދޭ އިރު އޭނާ އަށް ގޯއްޗެއް ލިބިވަޑައިގަންނަވަން ނުޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އަދި މާލޭ ބޭފުޅެއް ކަމަކު އޭނާގެ އަމިއްލަ ގޯއްޗެއް މާލޭގައި ނެތް ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ. ބައްޕަގެ އޮތީ ބާރަ ބަޔަށް ބަހަން ޖެހޭ ދެހާސް އަކަފޫޓްގެ ގޯއްޗެއްކަން ފާހަގަ ކުރައްވާ ރޮޒެއިނާ ވިދާޅުވީ "އަޅުގަނޑަކީ ވެސް މާލޭގެ ރައްޔިތެއް. އެކަމަކު މާލެ އިން ސަތޭކަ އަކަފޫޓް ވެސް ނުލިބޭ. ސޯ މާލޭގެ ރައްޔިތުންނަށް ގޯތިދޭ އިރު އަޅުގަނޑަށް ނުލިބެން ޖެހޭ ސަބަބެއް." ކަމަށެވެ.

ރޮޒެއިނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކޮށްގެން ހުންނެވި ނަމަ ވެސް އޭނާއަށް ވުރެ ގޯތި ހައްގު މީހެއް މި އުޑުދަށުގައި ނުހުންނާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން މާލޭގެ ރައްޔިތުނަށް ދޫކުރަން ނިންމާ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފައިވާއިރު ރޮޒައިނާ އާދަމް އާއި އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އަށްވެސް ވަނީ މާލެއިން ގޯތި ލިބިފައެވެ. ނާޝިޒް އަކީ ވެސް ރައީސްގެ އަރިސް ބޭފުޅެއްގެ އިތުރުން އެމަނިކުފާނުގެ ރިޔާސީ އިންތިހާބީ އެޖެންޓުވެސްމެއެވެ.

މާލޭ މީހުންނަށް ދޫކުރި ގޯތީގެ ދާއިމީ ލިސްޓް ރޭ އާންމު ކޮށްފައިވާއިރު ދާއިމީ ލިސްޓްގެ ގުރުއަތު ނެގުން މިއަދު 11:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ޕްލޭނިން މިނިސްޓްރީން ވަނީ ނިންމާފައެވެ. ގޯތި ލިބޭނެ ކަމަށް ބުނެފައިވާ ފަރާތްތަކަށް ގުރުއަތު ނަގަން ދާން ޖެހޭ ދުވަހާއި ވަގުތާއި ތަން ގެދޮރުވެރިންގެ ޕޯޓަލުން މައުލޫމާތު ލިބެން ހުންނާނެއެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު އެއީ 9003 ގޯތި ކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ.