ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 33 ޕަސެންޓު އަންހެނުންނަށް ހާއްސަކުރުމަށް ގާނޫނުއަސާސީ އަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހު ބަލައިގެންފިއެވެ.

ގާނޫނުއަސާސީ އަށް ރޮޒައިނާ ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބަލައިގަތީ ރިޔާސަތުން މިއަދު ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 34 މެންބަރުންގެ ވެސް ވޯޓުންނެވެ. އެހެންކަމުން ރިޔާސަތުން ވަނީ އެ އިސްލާހު އިތުރަށް ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވާލައިފައެވެ.

ރޮޒައިނާ ވިދާޅުވީ މި އިސްލާހު ހުށަހެޅުއްވުމުގެ މަގްސަދަކީ މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރުކުރުމަށާއި އަދި ރައްޔިތުންގެ މަސްލަހަތާ ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ކަމަށާއި އަދި ގައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުމާއި ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތަކެއް ހުޅުވާލަދީ ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ކަމަށެވެ.

މި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ މެންބަރުންގެ އަދަދުގެ ތެރެއިން 33 ޕަސެންޓް ހާއްސަކުރާ އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅަންވާނީ ގުރުއަތުލައިގެންނެވެ. އަދި އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށް ކަމަށާއި މި އުސޫލު ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާންކުރަންވާނެ ކަމަށްވެސް މި އިސްލާހުގައި ވެއެވެ.

މީގެ އިތުރުން މި އިސްލާހުގައިވަނީ މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ދަށުން އިއުލާންކުރާ ފުރަތަމަ މަޖިލިސް އިންތިހާބު ބާއްވަންވާނީ މި ގާނޫނުގައި ކަނޑައަޅާ ގޮތުގެ މަތިން ކަމަށެވެ.