ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 33 ޕަސަންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވައިފިއެވެ.

ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރުތަކެއް އިތުރުކޮށް ހުށަހެޅި މި ބިލަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރުކުރުމަށާ އަދި ރައްޔިތުންގެ މަސްލަހަތާ ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އަންހެނުންގެ ދައުރު އިތުރުކުރުމެވެ. އަދި ގައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުމާ، ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތަކެއް ހުޅުވާލަދީ ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމެވެ.

މި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ މެންބަރުންގެ އަދަދުގެ ތެރެއިން 33 ޕަސަންޓް ހާއްސަކުރާ އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅަންވާނީ ގުރުއަތުލައިގެން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށް ކަމަށާއި މި އުސޫލު ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާންކުރަންވާނެ ކަމަށްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މި އިސްލާހުގައިވަނީ މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ދަށުން އިއުލާންކުރާ ފުރަތަމަ މަޖިލިސް އިންތިހާބު ބާއްވަންވާނީ މި ގާނޫނުގައި ކަނޑައަޅާ ގޮތުގެ މަތިން ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން މިއަދު އިއްވާފައިވާ އިރު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އަންހެން ކެންޑިޑޭޓުންގެ އަދަދު މަދުވުމާ ގުޅިގެން ރޮޒައިނާ ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އަންހެން މެންބަރުންގެ އަދަދު މަދުވެ 93 ކެންޑިޑޭޓުންގެ ތެރެއިން 3 އަންހެން ކެންޑިޑޭޓުން އިންތިހާބުވުމަކީ ލަދުވެތިކަމެއްކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ކޯޓާ ދެ ޖިންސަށް ހަމަހަމަ ކުރަންޖެހޭކަމަށެވެ.