ރައްޔިތުންގެ މަޖިލީހަކީ އަންހެނަކަށް ވީތީ ތަބަކަށްލާފައި ދޭން ޖެހޭ އެއްޗެއް ނޫން ކަމަށާއި މަޖިލީހަށް އިންތިހާބު ކުރަނީ ރައްޔިތުން ވޯޓު ދީގެން ކަމަށް ވިދާޅުވެ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު (ކުޑީ)، އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަށް ރައްދު ދެއްވައިފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުންނަށް މަރުހަބާ ވިދާޅުވެ ރޮޒައިނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އިންތިހާބަކީ ފަހުރުވެރިވާން ޖެހޭ ވަރު އިންތިހާބެއް ނޫންކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އަންހެން މެންބަރުންގެ އަދަދު މަދުވެ 93 ކެންޑިޑޭޓުންގެ ތެރެއިން 3 އަންހެން ކެންޑިޑޭޓުން އިންތިހާބުވުމަކީ ލަދުވެތިކަމެއްކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ކޯޓާ ދެ ޖިންސަށް ހަމަހަމަ ކުރަންޖެހޭ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

'އެކްސް' ގައި ރޮޒައިނާ ކުރެއްވި މި ޕޯސްޓާ ގުޅިގެން ފާތިމަތު ތައުފީގު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އަންހެންނަށްވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ލިބޭކަމަށާ އަދި މަޖިލީހުގައި ވާދަކުރުމުގެ ފުރުސަތުވެސް ލިބޭކަމަށެވެ. އަންހެނަކަށްވުމުން އެއްވެސް ކަހަލަ ހުރަހެއް ނެތްކަން ފާހަގަކޮށް ފާތިމަތު ތައުފީގު ވަނީ ރައްޔިތުން ރޮޒައިނާ އަށް 'ނޫނެކޭ' ބުނަން ޖެހުނު ސަބަބު ކުރީގެ ވީޑިއޯތަކުން ބަލާލުމަށް އެދިފައެވެ.

މީގެ އިތުރުން ފާތުމަތު ތައުފީގު ވިދާޅުވީ ނަންބަރު އިތުރު ކުރަން ކަމަށް ބުނެ އެއްވެސް ގޮތެއް ފޮތެއް، އަދަބެއް، އަހްލާގެއް ނެތް އަންހެނުންތަކެއް މަޖިލީސް ހަލަބޮލިކުރަން ހޮވުމަށްވުރެ، ނުހޮވުން މާ ރަނގަޅުކަމަށެވެ. އަދި މި އިންތިހާބު ގެ މެޖޯރިޓީ ވެރިކަން ކުރާ މައި ޕާޓީއަށް ހޯދައި ދިނުމުގައި މަސައްކަތްކުރި އަންހެނުންނާ މެދު ފަހުރުވެރި ވާކަމަށް ފާތިމަތު ތައުފީގު ވިދާޅުވިއެވެ.

ފާތުމަތު ތައިފީގުގެ މި ޕޯސްޓަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ އަންހެނަކަށްވެ ހުރެ އެކަހަލަ ވާހަކައެއް ދެއްކުމަކީ ދެރަކަމެއް ކަމަށެވެ. އަދި މަޖިލީސް ހަލަބޮލިކުރަނީ އަންހެން ކަމަށް ވިދާޅުވިއިރު ފިރިހެނުން މަޖިލީހުގައި 'އަލިފެއްހެން' ތިބެނީތޯ ރޮޒައިނާ ސުވާލު ކުރެއްވިއެވެ. އަދި ކުރީގެ ވީޑިއޯތަކަށް ބަލާލުމުން، ފާތިމަތު ތައުފީގު އެފަދަ ވާހަކައެއް ދެއްކުމުން ހައިރާން ނުވާކަމަށް ބުނެ ރޮޒައިނާ ވަނީ ރައްދު ދެއްވާފައެވެ.