ހުޅުދޫ އަދި މީދޫ ސިޓީ ކައުންސިލުން ވަކިވެ ރަށު ކައުންސިލަކަށް ބަދަލުވުމުގެ މަރުހަލާ އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން، ސަރުކާރުން ލޯކަލް ކައުންސިލްތަކާބެހޭ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މުހިއްމު ކަމެއްކަމުގައި އައްޑޫ މީދޫ ދާއިރާގެ ކުރީގެ މަޖިލީސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އިއްޔެ އައްޑޫގައި ބޭއްވި ފެންނަ ނުފެންނަ ވޯޓާއި ގުޅޭ ގޮތުން ރޮޒައިނާ ވިދާޅުވީ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުން ނިންމި ނިންމުމަށް އެންމެން އިހްތިރާމްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. މި އިންތިހާބުގައި ވޯޓުލި މީހުންގެ އަދަދު މަދުވެ، އެހާ ގިނަ އަދަދެއްގެ މީހުން އެމީހުންގެ އަޑު އިއްވާފައިނުވާތީ ކަންބޮޑުވުންފާޅުކުރައްވަމުން ރޮޒައިނާ ވިދާޅުވީ ވޯޓުލި މީހުންގެ އަދަދު މަދުވި ސަބަބުތައް އިލެކްޝަންސް ކޮމިޝަނުން ބަލާ ދެނެގަންނަން ޖެހޭކަމަށެވެ. އަދި މިކަން މިހެން ދިމާވެފައި އޮތީ މި އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ކުރިއަށް ގެންދެވިފައިވާ ބާރު ސްޕީޑުގެ ސަބަބުން ކަމަށް ރޮޒައިނާ ވަނީ ލަފާކުރައްވާފައެވެ.
ފޭދޫއިން އައްޑޫ ސިޓީ ކައުންސިލުގައި ދެމިހުރުމަށް ވޯޓުދިނުމަކީ އެ ރަށަށް އެންމެ ރަނގަޅު ނިންމުންކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ ހުޅުދޫ އަދި މީދޫގެ ރައްޔިތުން ނިންމި ނިންމުމަކީ އެމީހުންގެ ކުރީގެ ތަޖުރިބާތަކުގެ ސަބަބުން، ތަފާތު އިންތިޒާމެއްގެ ދަށުން އެމީހުންގެ ދިރިއުޅުން މިހާރަށް ވުރެން ރަނގަޅުކުރެވިދާނެކަމަށް ދެކިގެން، ކުރިމަގަށް ބަލާ، ނިންމި ނިންމުމެއްކަމުގައި ދެކޭ ކަމަށެވެ. އަދި މިކަމަށް އެންމެންވެސް އިހްތިރާމްކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން، ސަރުކާރުން ލޯކަލް ކައުންސިލްތަކާބެހޭ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ވޯޓުލުމުގެ ކުރިން މިބަދަލާ ގުޅޭ އެއްވެސް ސިޔާސަތެއް ކަނޑަ އެޅިފައިނެތުމަކީ ފެށުނީއްސުރެ ކަންބޮޑުވުމެއްކަމުން އޭނާ ހާމަކުރެއްވިއެވެ. ސިޓީ ކައުންސިލުން ރަށެއް ވަކިވެއްޖެނަމަ، މުދަލާއި، ދަރަންޏާއި އަދި ލޯނުތައް ބަދަލުކުރުމާ ގުޅޭ ސިޔާސަތުތައް ވޯޓުގެ ކުރިން އެކަށައަޅަންޖެހޭކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި މިހާރު މިސިޔާސަތުތަކަކީ ކައުންސިލް އިންތިހާބުގައި އައްޑޫސިޓީގެ ރައްޔިތުން ވޯޓުލާ ގޮތަކުން، ވަކިގޮތަކަށް ބައްޓަން ވެދާނެ އެއްޗަކަށްހަދާ، ވޯޓު ހޯދުމަށް ނުވަތަ ޕީއެންސީ އަށް ވޯޓުލުމަށް މީހުންނަށް މަޖުބޫރުކުރުވުމަށް ބޭނުންކުރާ ވަސީލަތަކަށްވެގެން ނުވާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އިންސާފުވެރި އަދި އޮމާން ބަދަލަކަށާއި، މިނިވަން އަދި އިންސާފުވެރި ކައުންސިލް އިންތިހާބެއް ހޯދުމަށް، މި ނިންމުންތައް ކައުންސިލް އިންތިހާބުގެ ކުރިން ނިންމުމަށް، ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާއި އެ ދާއިރާތައް ތަމްސީލުކުރާ މަޖިލިސް މެންބަރުން، ރޮޒައިނާ ވަނީ ގޮވާލާފައެވެ.
