ސުކޫލުތަކުގެ ދެވަނަ ޓާމުގެ ޓެސްޓުތައް އަވަސް ނުކުރަން ރައީސް ޑރ. މުއިއްޒު ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހުމާއެކު، އެ ތާރީހާ ސްކޫލު ކުދިންގެ އިމްތިހާނާ ދިމާވާތީ އިމްތިހާނު އަވަސް ކުރުމަށް މި މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ ނިންމާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޓެސްޓު އަވަސް ކުރަން ނިންމާ އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓާމުގެ ޓެސްޓުތައް ބާއްވަން ނިންމާފައި ވަނީ މި މަހުގެ 27 އިން އަންނަ މަހުގެ 25ގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގައި ކަމަށެވެ. ކުރިން ޓެސްޓު ނަގަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 އިން 27ގެ ނިޔަލަށެވެ.

ނަމަވެސް ރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ރައީސް ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއާ ވާހަކަ ދައްކަައިގެން، އެ އިމްތިހާނުތައް އަވަސް ނުކުރާ ގޮތަށް ހަމަޖައްސަވާނެ ކަމަށާއި، އެފަދަ ކަންކަން ރާއްވަވާނީ، ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތިނުވާ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން ތައުލީމީ ނިޒާމް އެފުށް މިފުށަށް ޖަހަމުން ދާކަމަށެވެ. އަދި މިހާރު ގިނަ ސުކޫލު ތަކުގައި އިސްލާމް ދިވެހީގެ އިތުރުން އިނގިރޭސީގެވެސް ޓެސްޓު ނަގާފައިވާކަން ފާހަގަކުރައްވާ ރޮޒެއިނާ ވިދާޅުވީ މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.