ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އަދި ދިވެހީންގެ ދިވެހިވަންތަކަން ހަގީގަތުގައި ގުޅިފައި ވަނީ ސަރުކާރުން ނަގާ ދަރަންޏާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ވިދާޅުވީ މިއަދު ދުނިޔޭގައި ގައުމުތަކުގެ މިނިވަންކަން ގެއްލި އިސްތިގުލާލު ނެތި ދަނީ މިލިޓަރީ ބާރަކުން އެކަނި ނޫން ކަމަށެވެ. އެއީ ހަމައެކަނި ޖަހާ ބަޑިއަކުން އަޅާ ބޮމަކުން ގެއްލިގެން ދާ ކަމެއް ނޫން ކަމަށާއި ދަރަނީގެ ދަންތުރައެއްގައި ގައުމެއް ޖެހި އެ ދަންތުރައިގެ ތެރޭގައި މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެން ދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދިވެހި ދައުލަތުގެ ދަރަނި އަލުން އެކުލަވާލައްވާނެ ކަމަށް ވައުދު ވެވަޑައިގަންމަވަމުންކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ރައީސް ސޯލިހް އެކަން ނުކުރައްވާ ކަމަށާއި ކުރެއްވި ކަމަކީ ދަރަނި ދެއްކެވުމަށް ކަމަށް ވިދާޅުވެ އަލުން ދަރަނި ނެންގެވީ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ދެވަނަ ބުރަކަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް ދާނެ ކަމަށާއި ދެ ވަނަ ބުރުގައި ރައީސް ސޯލިހަށް ޖެހިވަޑައިގަންނަވާނީ އިލްޔާސްގެ ފަހަތަށް އަރައިވަޑައިގަންނަވަން ކަމަށެވެ. އަދި ދެވަނަ ބުރުގައި އެމްޑީޕީގެ މެންބަރުން ވެސް ތިބޭނީ އިލްޔާސްގެ ފަހަތުގައި ކަމަށެވެ.
އެމްޑީޕީއަކީ ޑިމޮކްރެޓުންގެ ފިކުރީ ހަގީގަތެއް އަދި ފިކުރީ މިލްކެއް ކަމަށާއި އެ ޕާޓީ އަކީ ނަޝީދުގެ ފަލްސަފާއަކަށް ވާއިރު އެމްޑީޕީއަކީ ވަކި ހާއްސަ މަގްސަދުތަކެއް ހާސިލް ކުރުމަށް އެކުލަވާލި ޓީމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.