ކުރިއަށް އޮތް އިންތިހާބުގައި ވެރިކަން ދިފާއުކުރެއްވުމަށް ނުކުމެވަޑައިގެން ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގެ ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ވާދަވެރި ބައެއް ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސްގެ ކެމްޕެއިންގެ ސްޕޯކްސްޕާސަންގެ ހައިސިއްޔަތުން ދެއްވި ފުރަތަމަ ޕްރެސް ބްރީފިންގައި މާރިޔާ ވަނީ ރައީސް ރަށްރަށަށް ވަޑައިގެން ވިދާޅުވި ބައެއް ވާހަކަތައް ތަކުރާރުކުރައްވައިފައެވެ. މާރިޔާ ވިދާޅުވި ގޮތުގައި:

  • މިހާތަނަށް ކެމްޕެއިންކުރާ ބަޔަކަށް ފެންނަނީ އެމްޑީޕީ އެކަނި
  • އަންނަ މަހު ބާއްވާ އިންތިހާބު އެމްޑީޕީން އެއްބުރުން ކާމިޔާބުކުރާނެ
  • ކެމްޕެއިން ކުރިއަށް ދަނީ ވަރަށް ޕޮޒިޓިވްކޮށް

އެއާއެކު، ކެމްޕެއިން ކުރިއަށްދާ ގޮތުގެ ކުޑަ ހުލާސާ އެއް ވެސް އޭނާ ދެއްވިއެވެ. އެގޮތުން މާރިޔާ ފާހަގަކުރެއްވި ގޮތުގައި:

  • ގާތްގަނޑަކަށް 187 ރަށެއްގައި އެމްޑީޕީގެ ޓީމުތައް ދަނީ ހަރަކާތްތެރިވަމުން
  • 18 އަތޮޅެއްގެ 108 ރަށަކަށް އެ ޓީމުތައް ދަތުރުކޮށްފައިވޭ
  • 64 ރަށަކަށް ރައީސް މިހާތަނަށް ވަޑައިގެންފައިވޭ
  • ކޯލް ސެންޓަރުތައް ގާއިމްކުރެވި، މާލޭގައި އެކި ގޭގެއަށް އެބަ ދޭ

މި ޕްރެސް ބްރީފިންގައި މާރިޔާ ވަނީ ސީދާ ގޮތެއްގައި ވާދަވެރި ކެންޑިޑޭޓުން ކަމަށްވާ މާލޭގެ މޭޔަރު އަދި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް، އަދި ނުސީދާކޮށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މުއިއްޒަށް ފާޑުވިދާޅުވެ، މާރިޔާ ވިދާޅުވީ، އިދިކޮޅުގެ ކެންޑިޑޭޓުކަން ހޯއްދެވުމަށްޓަކައި މުއިއްޒު ކަންތައްތައް ކުރެއްވި ގޮތް ފެނިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މުއިއްޒު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓުކަން ހޯއްދެވުމަށްޓަކައި މުއިއްޒު، ޕީޕީއެމްގެ ކައުންސިލް، ނުވަތަ 'ސެނެޓު' ބައްލަވައިގެންފައިވާ ކަމަށް މާރިޔާ ތުހުމަތުކުރެއްވިއެވެ.

"ރައީސް ޔާމީން އެކި ގޮތްގޮތަށް ވިދާޅުވެ ހުއްޓާ ހަމަ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ސެނެޓު ގަނެލައިގެން މުއިއްޒު ހަމަ ކެންޑިޑޭޓަކު ހެން ނުކުމެވަޑައި ހުންނަވާތަން، ދެން ނުކުމެވަޑައިގެންފަ އެ ދައްކަވާ ވާހަކަފުޅުގެ ތެރެއިން ވެސް ރައީސް ޔާމީނަށް ކޮންވިސްކޮށްދެއްވަން އުޅުއްވާތަން މި ފެންނަނީ ތިމަންނާ މި ހުންނަނީ ރައީސް ޔާމީނަށް ޓަކައޭ ވިދާޅުވެގެން،"
މާރިޔާ އަހްމަދު ދީދީ | ރައީސްގެ ކެމްޕެއިންގެ ސްޕޯކްސްޕާސަން

ގާސިމަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވައި މާރިޔާ އަލިއަޅުވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ ހާޒިރީއަށެވެ. މާމިގިލި ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައަށް، އަދި ގާސިމްގެ މެނިފެސްޓޯ އަށް ވެސް މާރިޔާ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ.

"މި ފެންނަނީ ރައްޔިތުން ބުނެފިއްޔާ ދެން ކީކޭ ދަންނަވާނީ އަޅުގަނޑު ނެތީމު ދެން އަނެއްބައި ފުރިހަމަކުރާކަށް، ކޮންމެ ކަމެއް ވެސް ކުރަން ޖެހޭނެއޭ، އެކަހަލަ ވާހަކަތަށް މި ދައްކަވަނީ، ދެން މެނިފެސްޓޯ ބަލާލާއިރު ވެސް ފެނިގެން މި ދަނީ ވެރިންނަށް ގެތައް ހައްދަވާނެ ވާހަކަ އާއި ރައީސާއި ނައިބު ރައީސުންނަށް ގެކޮޅު ތައްޔާރުކުރައްވާނެ ވާހަކަ އާއި ފަނޑިޔާރުގެތައް އަލުން އަޅުއްވާނެ ވާހަކަ އާއި، ފަނޑިޔާރުންގެ މުސާރަ ބޮޑުކުރާނެ ވާހަކަ އާއި، މިކަހަލަ ވާހަކަތަކެއް މި ފެންނަނީ،"
މާރިޔާ އަހްމަދު ދީދީ | ރައީސްގެ ކެމްޕެއިންގެ ސްޕޯކްސްޕާސަން

ނޫސްވެރިންނަށް ސުވާލުކުރުމަށް ފުރުސަތު ހުޅުވާލެއްވުމުގެ ކުރިން، މާރިޔާ އެންމެ ފަހުން ފާޑުވިދާޅުވީ، އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ.

"ދެން އަނެއް ބޭފުޅުން މި ފެންނަނީ ވަރަށް ޑިސްޓްރަކްޓިވް ގޮތެއްގަ، ރޫޅުމާއި ކުށްވެރިން ދޫކުރުމާއި މިކަހަލަ ގޮތަކަށް ވާހަކަފުޅު ބައްޓަންކުރައްވާތަން،" އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު، ދާދިފަހުން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމުގެ ނިޔަތުގައި ނުކުމެ ތިބީ މިއަދު އެމްޑީޕީ ކަމަށާއި، ރައްޔިތުން އެކަން ދަންނަން ޖެހޭނެ ކަމަށެވެ.