ޑާކްރެއިން އެންޓަޓެއިންމަންޓުގެ ގިނަ އުފެއްދުން ތަކުން ފެނިގެން ގޮސްފައިވާ އާމިނަތު ރަޝްފާ (އާޝާ)ގެ ލަވަ "ޝިކާރަ" އަށް އެއް މިލިއަން ވިއުސް ލިބިއްޖެއެވެ.

އަމިއްލަ ރާގަށް ހަދާފައިވާ މި ލަވައިގެ ޅެމަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) ގެ ޅެމެކެވެ. އަދި މި ލަވަ ކިޔައިދީފައިވަނީ ޝަލަބީ އިބްރާހިމް އާއި މަރިޔަމް އަޝްފާއެވެ. ލަވައިގެ މިއުޒިކް ކޮމްޕޯޒަރަކީ ހުސައިން ތައުފީޤެވެ. މި ލަވަ ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރު މޭކަޕް އާޓިސްޓް ހުސައިން ޝަދިޔާން (ސޭންޑީ) އެވެ. ޝިކާރަ މި ލަވައިން ފެނިގެންދަނީ އީސާ (އާނަންދު) އާއި ހުނޭސާ އާދަމް ނަސީރު (ހުނޫ) އެވެ. މި ލަވައަކީ ރިވެންޖް ސްޓޯރީއަކަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ.

އާޝާ ވަނީ މީގެކުރިން އަމިއްލައަށް ޕްރޮޑިއުސްކޮށް "ގުނަމުން މިދާ" ކިޔާ ލަވައެއް ގެނެސްދީފައެވެ. ބަތަލާ އާޝާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ތޫފާނީ އިޝްގް" އިންނެވެ. މި ލަވައަކީ ވަރުގަދަ އައިޓަމް ލަވައެކެވެ. ބެލުންތެރިންގެ ބޮޑު މަގްބޫލުކަމެއް މި ލަވައަށް ލިބުނުއިރު ނިމިދިޔަ އީދުގައި އެންމެ ގިނަ ބަޔަކު ނެށި އެއް ލަވައަކީ ވެސް މި ލަވައެވެ. ގިނަ ބަޔަކު "ތޫފާނީ އިޝްގް" ސިފަކޮށްފައިވަނީ ބޮލީވުޑްގެ އައިޓަމް ލަވައެއްގެ ގޮތުގައެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ އާޝާ އަކީ ގިނަ ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ބަތަލާއެކެވެ. އޭނާގެ އަތުގައި ކުރިއަށްވެސް ގިނަ ޕްރޮޖެކްޓްތަކެއް ހުރިއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޑާކްރެއިންގެ "ބަޅިނދު" އިންނެވެ.