އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ މެންބަރުން އަދި އެ ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކުން އެމްޑީޕީއަށް ވޯޓުލާން ޖެހޭނެފަދަ ގޮތަކަށް ކަންތައްތައް ނުބެހެއްޓުމަށް ޕީޕީއެމްގެ މެންބަރުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ވޯޓުގެ ކަންކަން ވިސްނުންތެރި ކަމާއެކީ ގެންދިޔުމަށް ޕީޕީއެމްއަށް ގޮވާލައްވާފައެވެ. އެގޮތުން ޕީޕީއެމްއަށް އެކަން އެހެން ކޮށްދެވެން އޮތްކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ޕީޕީއެމްއަށް އޮތް ތާއީދު ބޮޑުކަމަށާއި އެ ޕާޓީގެ މެންބަރުންގެ އަދަދު ގިނަވެފައި ޕީޕީއެމްގެ މަގުބޫލުކަން ވެސް ރާއްޖޭގައި އޮތް ކަމަށެވެ.

ނަޝީދު ވިދާޅުވީ އަބަދު ވެސް ސިޔާސީ ހަގީގަތް ރާއްޖޭގައި އޮންނަ ގޮތް ދެނެގަނެ އެ ހަގީގަތުގެ މައްޗަށް ބިނާކޮށް ސްޓްރެޓަޖީ ރާވަމުން ގެންދާ ކަމަށެވެ. އަދި މި ރާއްޖެއަށް ހެޔޮ ގޮތަކީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަމުގައި ނުހުރުން ކަމަށާއި މިވެރިކަން ބަދަލުވެގެން ދިއުން ކަމަށެވެ.

ކަންބޮޑުވެވަޑައިގަންނަވަނީ މި ރިޔާސީ އިންތިހާބަށް ފަހުގައި ރައީސް ސޯލިހް ގާނޫނު އަސާސީ ބަދަލުކުރައްވާ ވެރިކަމުގައި ހުންނަވާނީ މުޅި އުމުރަށޭ ވިދާޅުވެދާނެތީ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއީ މަޖަލަކަށް ދަންނަވާ ވާހަކައެއް ނޫން ކަމަށާއި އެކި ގައުމުތަކުގައި ވެސް މިކަންކަން އެތައް ފަހަރަކު ވެފައި އެބަހުރި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ރައީސް ސޯލިހް މަސައްކަތްޕުޅު ކުރައްވަނީ ހަމައެކަނި އިތުރު ދައުރެއް ހޯދެއްވުމަށް ނޫން ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ ލިބިވަޑައިގެންނެވި ދައުރުގައި ކަންކަން ނުކޮށްދީފައި އިތުރު ދައުރެއް ދިނުމަށް އެދިވަޑައިގަތުމުން "ހިނި އަންނަ" ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މި ސަރުކާރުން ރައީސް އަބްދުﷲ ޔާމީންއާ މެދު ކަންކުރާ ގޮތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެމްއެމްޕީއާރްސީގެ ހިޔާނާތުގައި 273 މީހުން ހިމެނޭއިރު އެންމެ މީހަކު ހިފާ ހައްޔަރުކޮށް 5 އަހަރު ވީމާ އެއީ އިންސާފެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ރައީސް ޔާމީން ހަމަ މިހާރު ދޫކޮށްލަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވީ، 2008 އިން ފެށިގެނ މިހާތަނަށް ރާއްޖޭގައި މަސައްކަތް ކުރަމުން އައީ ވެރިއަކަށް ހުންނަ މީހަކު ބަދަލު ކުރަން ކަމަށާއި، ނަމަވެސް މިއަދު ފެނިވަޑައިގަންނަވަނީ ސީރިއަސް ކަމާއެކު ވެރިކަމަށް ނިކުމެ ވަޑައިގެން ތިއްބެވި ބޭފުޅުންކޮޅެއް ވާދަވެރި އިންތިހާބަކުން ވެރިކަން ހޯއްދަވަން ބޭނުންފުޅުވެފައި ތިއްބެވި ތަން ކަމަށެވެ. އަދި އެ ބޭފުޅުން ބޭނުން ވަނީ ވެރިކަމުގައި ހުރި ބޭފުޅަކު ބަދަލު ކުރަން ނޫން ކަމަށާއި ވާދަކުރައްވައިގެން ވެރިކަމަށް ވަޑައިގެންނެވޭތޯ ބެެއްލެވުން ކަމަށެވެ.