އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިޔުރޯއަށް މެންބަރު ހޯދުމަށް އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.

އީސީ އިން ބުނީ އެ ކޮމިޝަނުން މީގެ ކުރިން ކުރި އިއުލާނަށް އެކަށީގެންވާ ވަރަށް މެންބަރުން ލިބިފައި ނުވާކަމަށެވެ. އެހެންކަމުން މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓު 17، 2023 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުމަށް އީސީ އިން ވަނީ އެދިފައެވެ.

ކޮންމެ އަތޮޅެއްގެ އަތޮޅު ކޮމްޕްލެއިންޓްސް ބިޔުރޯއަށް އިސް އެއް މެންބަރަކާއި އާންމު 2 މެންބަރުންނާ އެކު ޖުމްލަ 3 މެންބަރުން ހޯދުމަށް އީސީ އިން ވަނީ އިއުލާ ންކޮށްފައެވެ. މި ގޮތުން ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުން ހޯދުމަށް އިއުލާން ކޮށްފައިވަނީ:

  • އައްޑޫ ސިޓީ ކޮމްޕްލެއިންޓްސް ބިޔުރޯ - އިސް 1 މެންބަރަކާއި 2 މެންބަރުން) ޖުމްލަ 3
  • ފުވައްމުލަކު ސިޓީ ކޮމްޕްލެއިންޓްސް ބިޔުރޯ - އިސް 1 މެންބަރަކާއި 2 މެންބަރުން) ޖުމްލަ 3
  • ކުޅުދުއްފުށި ސިޓީގެ ކޮމްޕްލެއިންޓްސް ބިޔުރޯ - (އިސް އެއް މެންބަރަކާއި 2 މެންބަރުން) ޖުމްލަ 3

އީސީ އިން ބުނީ ކޮމްޕްލެއިންޓްސް ބިޔުރޯގެ މެންބަރުން މަސައްކަތް ކުރަންޖެހޭނީ ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނަ ދުވަހުގެ 10 ދުވަސް ކުރިން ފެށިގެން އިންތިހާބު ނިމި 7 ދުވަސް ވަންދެން ކަމަށެވެ. އަދި މިމުއްދަތުގެ ފަހުންވެސް އިންތިހާބުގެ މަސައްކަތާއި ގުޅިގެން މުއްދަތު އިތުރު ކުރަން ޖެހޭނަމަ، މުއްދަތު އިތުރު ކުރާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

ކޮމްޕްލެއިންޓްސް ބިޔުރޯއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާ 55 އަހަރާ ދެމެދުގެ މީހަކަށް ވުމާއެކު އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިހާބީ މަގާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަގާމެއް ފުރާ މީހެއް ކަމުގައި ނުވުން ނުވަތަ ސިޔާސީ ހަރަކާތްތަކުގައި އިސްރޯލެއް އަދާކުރާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ކެމްޕެއިންކުރުމުގައި ހަރަކާތްތެރިވާ މީހަކަށް ނުވުމާއެކު އިންތިހާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުންވެސް ހިމެނެއެވެ.