އާބަން ސެންޓަރަކީ އާބަންކޯގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާ ވެސް ލުއިފަސޭހަ ގޮތަކަށް އެއްތަނަކުން ފޯރުކޮށް ދިނުމުގެ ބޭނުމުގައި ހުޅުވި ސެންޓަރެއްް ކަމަށް އާބަންކޯ އިން ބުނެފިއެވެ.

އާބަންކޯ އިން މިހެން ބުނެފައި ވަނީ މިއަދު އެ ސެންޓަރު ހުޅުވުމަށް ފަހުއެވެ. އާބަންކޯ އިން ބުނީ، މިއީ އެ ކުންފުނި އިތުރަށް ކުރިއަރާ ފުޅާވަމުން ދާވަރަކަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.

އެގޮތުން އޮންލައިންކޮށް އެ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތް ހޯދަން ދަތިވާ ފަރާތްތަކުން އާބަން ސެންޓަރަށް ދިއުމުން އާބަންކޯގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އާބަންކޯގެ ކަސްޓަމަރުންނަށް އެންމެ ގާތުން ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ޖާގަ ތަނަވަސް ރަނގަޅު މާހައުލަކަށް މިއަދު ހުޅުވި ސެންޓަރު ވާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

ފާއިތުވެދިޔަ 5 މަސް ތެރޭގައި އާބަންކޯއިން 52،497 ފޯނު ކޯލަށް ޖަވާބު ދީފައި ވާއިރު، އެ ކުންފުންޏަށް ހުށަހަޅާފައިވާ 4769 މައްސަލައިގެ ތެރެއިން 78 ޕަސެންޓް މައްސަލަ ވަނީ ހައްލު ކޮށްފައި ކަމަށް އާބަންކޯއިން ބުނެއެވެ.