އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމަކީ އިސްތިއުނާފުގެ މަރުހަލާގައި ލިބެން އޮތް ހައްގު ހިފެހެއްޓުމުން އޭގެ ނަތީޖާ ކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިއަދު ޔާމީން އާ ދެކޮޅަށް އިއްވި ހުކުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ރާއްޖޭގެ އިންސާފުގެ ނިޒާމުގެ ތެރޭގައި ރައީސް ޔާމީން ބަންދުކޮށް ގާނޫނު އަސާސީން ލިބިދީފައިވާ އެންމެ މުހިންމު އަސާސީ ހައްގު ކަމަށްވާ އިންތިހާބަށް ކުރިމަތިލެއްވުމުގެ ހައްގާއި، ރައްޔިތުން އެ މީހުން ބޭނުންވާ މީހަކު އިންތިހާބު ކުރުމަށް ލިބިދީފައިވާ ހައްގު ނިގުޅައިގެންފި ކަމަށެވެ.
އަދި މިއަދު ޔާމީނަށް އިއްވި ހުކުމުގައިވާ ގާނޫނީ ވަހްސާއި ދުސްތޫރީ ވަހްސަކީ ވަކި ވާހަކައެއް ކަން ފާހަގަ ކުރައްވާ ޖަމީލް އިތުރަށް ވިދާޅުވީ ބޮޑެތި ގޯސްތަކެއް ހުކުމްގައި ފެންނަަން އެބަ ހުރި ކަމަށެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ހަގީގަތުގައި މިކަން ހިނގާދިޔަ ގޮތާ ގުޅޭގޮތުން ކަމަށާއި އަދި އިންސާފު ހޯދަން އޮތް މަގަކީ މިއީތޯވެސް ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުންވެސް ދަށު ކޯޓުގައި އޮތް ޔާމީންގެ މައްސަލަ ގުޅޭނީ ކިހިނެއްތޯ ކޮން ގޮތަކަށްތޯ ފަނޑިޔާރަށް ސާފުކޮށްދެވިފައި ނުވާ ކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވީ އެއީ ދަށު ކޯޓުގެ ފަނޑިޔާރު ކޯޓުގައި ނުދައްކާ ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށްގެން އިއްވާފައިވާ ހުކުމެއް ކަމަށެވެ. "އެތައް މިތަނުން އޭތި މީއްޗޭ ކިޔާފަައި އޮތް ހުކުމެއްގެ ވާހަކަ މި ދައްކަނީ" ޖަމީލް ވިދާޅުވިއެވެ.
މި ހުކުމާ ގުޅިގެން ޕީޕީއެމްގެ މެންބަރުން ގެއަށް ވަދެ ފިނޑިވެގެން ނުތިބޭނެ ކަމަށާއި، ޔާމީން މިނިވަންވެ އަނބުރާ ގައުމާ ހަވާލު ވެވަޑައިގަންނަވަންދެން އެމަނިކުފާނުގެ ހައްގު ހޯއްދައި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ޖަމީލް ވަނީ ދެއްވާފައެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ނިންމީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ކޮމިޝަނުން އެހެން ނިންމާފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމާއެކު ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.
އެއާއެކު އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުން މިދިޔަ ހުކުރު ދުވަހު ފަށާފައި ވާއިރު އެ ދުވަހުގެ އަޑުއެހުން ވަނީ 7 ގަޑިއިރަށް ދިގުލައިގެން ގޮސްފައެވެ.
މި މައްސަލަ ސްޕްރީމް ކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއް ސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މުހައްމަދު އިބްރާހީމެވެ. ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށް މި ހަތް ފަނޑިޔާރުންވެސް ވަނީ އިއްތިފާގު ވެޑައިގެންފައެވެ.
ޔާމީންގެ ޖަލު ހުކުމް ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާ މަޑުޖެހިފައި ވާއިރު އިސްތިއުނާފު އަވަސް ކުރުމަށް އެކި ފަހަރުމަތިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހަޅާފައި ވީ ނަމަވެސް އެ މައްސަލަތައް ކޯޓުން ވަނީ ބަލައި ނުގަންނަން ނިންމާފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްފައި ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުންނެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު މާދަމާއަށް ހަމަވާނެއެވެ. ޔާމީން އަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތުގައި ޕީޕީއެމްގެ ހިޔަނި ޕާޓީ، ޕީއެންސީން ކެންޑިޑޭޓަކު ނެރޭ ގޮތަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފައި ވާއިރު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ވާދަކުރެއްވި 2 ބޭފުޅުންގެ ތެރެއިން ހޮވުނީ މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވި އިރު އޭނާ އާ ވާދަކުރެއްވި ރ މަޑުއްވަރީ ދާއިރާގެ މަޖިލީސް މެންބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.
މިއީ ތިޔަ ސޮހޮލު ފޭލުވިކަން ޢިޢުލާނު ވެގެންދިޔަވަގުތު!