މި އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުންވެސް ނިންމައިފިއެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުން މިދިޔަ ހުކުރު ދުވަހު ފަށާފައިވާއިރު އެ ދުވަހުގެ އަޑުއެހުން ވަނީ 7 ގަޑިއިރަށް ދިގުލައިގެން ގޮސްފައެވެ.

މި މައްސަލަ ސްޕްރީމް ކޯޓުގައި ބައްދަލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއް ސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މުހައްމަދު އިބްރާހީމެވެ.

ހުކުރު ދުވަހުގެ އަޑުއެހުމަށް ބަލާއިރު އެ މައްސަލަ ހުށަހެޅި ފަރާތް، މައްސަލަ ރައްދުވާ ފަރާތުގެ އިތުރުން މައްސަލައިގައި ތަދައްހުލް ވެފައިވާ ފަރާތްތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ފަނޑިޔާރުންގެ ބެންޗުން ވަނީ ދެއްވާފައެވެ. އަދި ނިންމާލުމުގެ ކުރިން ކޮންމެ ފަރާތަކަށްވެސް މައްސަލައާ ގުޅޭގޮތުން ފަހުބަސް ބުނުމަށް 10 ވަރަކަށް މިނެޓް ވަނީ ދީފައެވެ.

މިއަދު ކުރިއަށް ގެންދިޔަ ހުކުމް ކުރުމުގެ އަޑުއެހުމުގައި ފުރަތަމަ ރައުޔުއިއްވެވި ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުން ރައީސް ޔާމީން 6 މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމްކޮށްފައިވާ 5 މިލިއަން ޑޮލަރު ނުދައްކާހާ ހިނދަކު އެއީ ސާބިތު ދަރަންޏެއް ކަމަށާއި ޖޫރިމަނާގެ ފައިސާ ދައްކަން ދިން މުއްދަތު ހަމަވިރިއިރު ނުދައްކާކަން މިރާގެ ނޯޓިސް އިން އެނގޭ ކަމަށާއި އެހެންކަމުން ޔާމީނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައެޅީ ގާނޫނީ އެއްގޮތަށް ކަމަށެވެ.

މިއާއެކު ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ފަނޑިޔާރު މުހައްމަދު އިބްރާހީމް ވަނީ ފަނޑިޔާރު ހުސްނުއް ސުއޫދުގެ ރައުޔުއަށް ތާއީދުކުރައްވާފައެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ނިންމީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ކޮމިޝަނުން އެހެން ނިންމާފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމާއެކު ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.

ޔާމީންގެ ޖަލު ހުކުމް ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާ މަޑުޖެހިފައި ވާއިރު އިސްތިއުނާފު އަވަސް ކުރުމަށް އެކި ފަހަރުމަތިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހަޅާފައި ވީ ނަމަވެސް އެ މައްސަލަތައް ކޯޓުން ވަނީ ބަލައި ނުގަންނަން ނިންމާފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްފައި ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުންނެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު މާދަމާ ދުވަހަށް ހަމަވާނެއެވެ. ޔާމީން އަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތުގައި ޕީޕީއެމްގެ ހިޔަނި ޕާޓީ، ޕީއެންސީން ކެންޑިޑޭޓަކު ނެރޭ ގޮތަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފައި ވާއިރު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ވާދަކުރެއްވި 2 ބޭފުޅުންގެ ތެރެއިން ހޮވުނީ މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވި އިރު އޭނާ އާ ވާދަކުރެއްވި ރ މަޑުއްވަރީ ދާއިރާގެ މަޖިލީސް މެންބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.