ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ގއ. ގެމަނަފުއްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ގެމަނަފުއްޓަށް 101.8 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ހުޅުލެއަށް 90.3 މިލިމީޓަރު އަދި މާލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މީގެއިތުރުން ހުޅުމާލެއަށް 60 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.
މެޓް އޮފީހުން ލަފާކުރާގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައިވެސް ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ހުޅަނގުދެކުނާ ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މިއާއެކު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދު ކަމަށް ލަފާކޮށްފައިވާތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
