ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައެއްގެ ތުހުމަތުގައި މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ ހއ. ބާރަށު، ކުއްޅަވައްގޭ، އަލީ ޖުމާން ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ހައްޔަރުކުރި އަލީ ޖުމާން މިދިޔަ ހޯމަ ދުވަހު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަރުކާރުން ޔަހޫދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި، އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ހަމަނުޖެހުން ހިންގައި މުޒާހަރާ ވެސް ކުރަންޖެހޭ ކަމަށެވެ. މީގެއިތުރުން ރެޑްވޭވް ފިހާރަ ލޫޓުވާލަން ވެސް އޭނާގެ ޕޯސްޓުގައި ގޮވާލާފައިވެއެވެ.
ޖުމާނަކީ މީގެކުރިން އިދިކޮޅު އެމްޑީޕީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރުކުރި މީހެކެވެ. ނަމަވެސް، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފަހުން ވަނީ ނިންމަވާފައެވެ.
އަލީ ޖުމާން ހައްޔަރުކޮށްފައިވާއިރު، ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކުރި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދަށް މިއަދު ވަނީ 15 ދުވަސް ޖަހައިފައެވެ.
ފުވައްމުލަކުގައި ހުއްޓައި ހައްޔަރުކުރި ޒިހާންގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުންނެވެ.
ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ އެކަން ކުރުމަށް ހިތްވަރުދީފައެވެ. އެގޮތުން، "[ރޯކޮށްލައިފިއްޔާ] މަޖާވާނެ،" ކަމަށް އޭނާގެ ސްޓޭޓަސްގައި ލިޔެފައިވެއެވެ. ނަމަވެސް، އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލާފައެވެ.
