މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫންގެ އިންތިހާބީ އޭޖެންޓަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޒަބީހު، އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ އިންތިހާބީ އޭޖެންޓަކަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނިއުމާ ހަމަޖައްސައިފިއެވެ.

ދެ ބޭފުޅުން ވެސް އިންތިހާބީ އޭޖެންޓުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ މިއަދެވެ.

މި ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޒަބީހު މަގާމުން ވަކިކުރީ މިދިޔަ ޖޫން މަހުގައެވެ. ނިއުމާ މިދިޔަ އަންގާރަ ދުވަހު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައި، ޑިމޮކްރެޓްސް އަށް ސޮއިކުރެއްވީ މިދިޔަ އަންގާރަ ދުވަހުގައެވެ.

ޑިމޮކްރެޓުންގެ ކެންޑިޑޭޓަކަށް އިލްޔާސް އިންތިހާބުވެވަޑައިގަތީ، އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ކަށަވަރުކުރުމަށް މިދިޔަ ހުކުރު ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓަކުންނެވެ.

3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން އުވާލި ނަމަވެސް، އެ ނިންމުމަށް އެމްއާރުއެމުން އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވާތީ ފާރިސް ނިންމެވީ ޕާޓީގެ ފަރާތުން ކުރިމަތިލެއްވުމަށެވެ. ނަމަވެސް ޕާޓީގެ ނަމުގައި ކުރިމަތިލައްވަން ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބައްލަވައި، އޭނާ ވަނީ އަމިއްލަގޮތުން ވާދަކުރެއްވުމަށް ބޭނުންވާ 1،500 މީހުންގެ ސޮއި ހަމަކުރައްވައިފައެވެ.