ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރެއްވޭނެ ރަނގަޅު ފޯމިއުލާއެއް އެބައޮތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން ވިދާޅުވީ، އެ ފޯމިއުލާއަކީ ޕީޕީއެމްގެ ކެންޑިޑޭޓަކަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނެރުން ކަމަށެވެ. މީގެ އިތުރުންވެސް "ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ޑރ ޖަމީލު ކަމަށް ނިންމާނެ ނަމަ ހާދަ ރަނގަޅޭ ބައެއް ފަހަރު ހިތައް އަރާ" ކަމަށް އިމްރާންގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނެރެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް އިއްޔެ ހުށަހެޅުއްވި ނަމަވެސް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއްގައި ހުންނެވުމާއެކު އީސިން ވަނީ ފޯމް ބަލައިނުގަތުމަށް ނިންމާފައެވެ. އެ ގޮތަށް އީސީން ނިންމާފައިވަނީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ.

ގާނޫނޫގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ލެވޭނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒު ކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރު ވެފައި ވާ ނަމައެވެ. އީސީން ކެންޑިޑެސީ ބަލައިނުގަން މައްސަލަ ޕީޕީއެމުން މިއަދު ހެނދުނު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ޔާމީންގެ ރަނިންމޭޓަކަށް އެމަނުކިފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ހަމަޖައްސާފައި ވާއިރު މިހާރުގެ ހާލަތު އޮތް ގޮތުން ނަމަ، ޔާމީނަށް އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލް ކޮށްފިނަމައެވެ.

ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަންގެ ނިންމުން ދަމަހައްޓައިފި ނަމަ، އެމަނިކުފާނުގެ ބަަދަލުގައި އެހެން ބޭފުޅަކު އިންތިހާބަށް ނެރެން އިދިކޮޅަށް މަޖުބޫރު ވާނެއެވެ. ޔާމީން އަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ޕީޕީއެމް އިން ނެރޭނެ ކެންޑިޑޭޓެއް މިހާތަނަށް އިއުލާން ކޮށްފައި ނުވެއެވެ. ޔާމީންގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާދަކުރައްވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް މުއިއްޒު ވިދާޅުވީ އޭނާ ހުންނަވާނީ އަބަދުވެސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި ޔާމީންގެ ބަދަލުގައި ޑރ. ޖަމީލް ރިޔާސީ އިންތިހާބުގައި ޕީޕިއެމްގެ ފަރާތުން ވާދަ ކުރައްވާނެ ކަމުގެ އަޑުތައްވެސް މިހާރު ދަނީ ގަދަވަމުންނެވެ.

އެއާ ހިލާފަށް އެމްޑީޕީގެ ފަރާތުން ނުކުންނަވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޯރީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވާއިރު އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.