ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބާތިލް ކުރި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަދި ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ ސްޕްރީމް ކޯޓަށް ދާދި ދެންމެއަކު ރައީސް ޔާމީނުގެ ކެންޑިޑޭސީގެ މައްސަލަ ހުށަހަޅައިފި ކަމަށާއި މިއަދު މިކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ހައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކަމަށެވެ.

"އިންޝާ ﷲ ހައްގަށް ނަސްރު ލިބިގެންދާނެ"
ޑރ. ޖަމީލު

ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނީގޮތުން ގޯސްކޮށް އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގު ކޮށްގެން ކަމަށް ޖަމީލު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ޖަމީލްގެ މިވާހަކައާއެކު ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ސެޕްޓެމްބަރު 9، 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ ކޯލިޝާންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް އެކޯލިޝަން ނުދެކޭ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތުން ކެންޑިޑެސީ ފައިލްކުރީ އިއްޔެ ހެނދުނު، އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މައި މަރުކަޒު ހުންނަ ދަރުބާރުގޭގައެވެ.

އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތްކުރުމަށް ފަހު ގައެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.