ރާއްޖޭގެ އިގްތިސާދީ ހާލަތު އިންތިހާއަށް ދަށަށް ގޮސް، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އަތް ނުފޯރާ ފަށަށް އުފުލިފައިވާ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.

މި ބަޔާން ނެރެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 12 މެމްބަރުންގެ ސޮޔާއެކުއެވެ.

މިކަމާ ގުޅިގެން ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ އިތުރުކުރަން ސަރުކާރުން ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި މިކަމުގައި އެމްޑީޕީ މެމްބަރުންގެ އެއްވެސް ބައިވެރިވުމެއް ނުވާކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

މި ބަޔާނުގައި ބުނެފައިވަނީ މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ 4.5 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ހަރަދުކޮށްފައިވާކަމަށާއި، ދައުލަތުގެ ދަރަނި ދުވަހުން ދުވަހަށް އިތުރުވަމުންދާކަމަށެވެ. އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރައްޔިތުން އަތުން ނަގާ ޓެކްސްތައް އިތުރުކުރުމަށް އެތައް ގާނޫނަކަށް ބަދަލު ގެނެސްފައިކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ލޯކަލް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓަށް ބަދަލު ނުގެނެސް، ކައުންސިލަރުންނާއި ކައުންސިލް ރައީސުންގެ މުސާރައަށް ބަދަލު ގެނައުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެތައް ހިދުމަތަކަށް ބުރޫއަރާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

ތައުލީމީ އަދި ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ އިތުރުގަޑީގެ ފައިސާއާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާ ގުޅޭ ގޮތުން 16 ޖޫން 2025 ގައި މަޖިލީހަށް ހުށަހެޅުނު ގަރާރުގެ މަސައްކަތް މިއަދާ ހަމައަށްވެސް ނުނިމި އޮއްވާ، ވެރިންގެ މުސާރަ ބޮޑުކުރުމުން އާންމުންގެ ކަންބޮޑުވުންތައް އިތުރުވެވެފައިވާކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އިދިކޮޅު އެމްޑީޕީން ވަނީ ގާނޫނު އަސާސީގެ ދަށުން ސަރުކާރު ޒިންމާދާރުކުރުމުގެ ޒިންމާ މަޖިލީހަށް މަތިކުރެވިފައިވީ ނަމަވެސް، ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން އެކަން ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ.

މާލިއްޔަތު ކޮމިޓީގެ މި ނިންމުމުގެ ސަބަބުން ދައުލަތުގެ ހަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވެގެންދާނެތީ، މި ނިންމުން ވަގުތުން ބަދަލުކުރުމަށް ނޫސްބަޔާނުގައި ވަނީ ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ އިތުރުކުރަން ކޮމިޓީން ނިންމި ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.