ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަމަޖައްސައިދީފިއެވެ.
އެގޮތުން އެންޑީއެމްއޭއިން ބުނީ ހާދިސާގައި ގެއްލުން ލިބުނު 1 ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް 5 ދުވަހުގެ މުއްދަތަށް ހަމަޖައްސައިދީފައިވާކަމަށެވެ.
ފުނަދޫގެ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވި މި އަލިފާންގަނޑު ވަނީ ބޮޑު ސަރަހައްދަކަށް ފެތުރި، އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކާއި ފަސް ގަރާޖެއްގައި ވެސް ރޯވެފައެވެ.
ހެނދުނު ހަތެއް ޖެހިއިރު ހިނގި މި އަލިފާނުގެ ހާދިސާ ފެށުނީ އަމިއްލަ ފަރާތަކުން އެ ރަށުގައި ހިންގާ “ފަތްމިނި” ނަމަކަށް ކިޔާ ތެޔޮ ޝެޑުންނެވެ. އެ ތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، ކައިރީގައި ހުރި އިމާރާތްތަކަށާއި ވޯކްޝޮޕްތަކަށް ފެތުރުމާ ގުޅިގެން އެ ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އަލިފާނުގެ އަސަރުކުރި ސަރަހައްދުގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ.
