ދެކުނުގެ ރަށެއްގައި ފުރާވަރުގެ އުމުރުގެ ފުރައިގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކަކާ ގުޅިގެން އެ ރަށުގައި މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފިއެވެ.
ފުލުހުންނަށް ދާދި ފަހުން ހުށަހަޅާފައިވާ ދަރިވަރުންނަށް ޖިންސީ ގޯނާކުރިކަމުގެ ދެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. މި ދެ މައްސަލައަކީވެސް ސައުތު ސެންޓްރަލް ޕޮލިސްގެ ދަށުން ހިމެނޭ އެއް ރަށަކުން ހުށަހަޅާފައިވާ މައްސަލަތަކެކެވެ. މި މައްސަލަތަކާ ގުޅިގެން ދެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންނަށް އެންމެ ފުރަތަމަ މިފަދަ މައްސަލައެއް ހުށަހަޅާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި މައްސަލައަކީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގެ ސްކޫލު ޓީޗަރަކު، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 52 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، ހަމަ އެ ރަށުން ސްކޫލު ޓީޗަރަކު 12 އަހަރާއި 13 އަހަރުގެ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެންވެސް މި މަހުގެ 23 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 52 އަހަރުގެ ބިދޭސީ ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުން ބުނި ގޮތުގައި، މި ދެ މައްސަލައަކީވެސް ސައުތު ސެންޓްރަލް ޕޮލިސްގެ ދަށުން ހިމެނޭ އެއް ރަށަކުން ހުށަހަޅާފައިވާ ދެ މައްސަލައެވެ. އަދި މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދެ މީހުން ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
