ހެލްތު މިނިސްޓްރީން ހުޅުވާލީ "މެޑިކަލް ޑޮކްޓާސް ސްޕެޝަލައިޒޭޝަން ސްކޮލަޝިޕް 2023" 7 ފަރާތަކަށް ދީފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، "މެޑިކަލް ޑޮކްޓާސް ސްޕެޝަލައިޒޭޝަން ސްކޮލަޝިޕް 2023" އަށް ކުރިމަތިލި ފަރާތްތަކުގެ ވަގުތީ ނަތީޖާ މިއަދު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ކަމަށެވެ.

އެ ނަތީޖާއާ ގުޅޭ އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ މިމަހު 8 ވަނަ ދުވަހުގެ 12:00ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން (ޗަބީ) ވިދާޅުވީ، ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ ހުނަރުވެރިން ތައްޔާރު ކުރުމަކީ މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތް ކަމަށެވެ. މިގޮތުން ތަފާތު އެކި ސްކޮލާޝިޕްތައް އިއުލާނު ކޮށްފައިވާ ކަމަށާއި ޑޮކްޓަރުންނަށް ސްޕެޝަލައިޒް ވުމަށްޓަކައި ސްކޮލާޝިޕްތައް ދެވުމަކީ އުފަލާއެކު ފާހަގަކުރެވޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސްކޮލާޝިޕްތައް ދެނީ ޑޮކްޓަރުން ސްޕެޝަލައިޒް ވެގެން އެނބުރި އައިސް ކޮންޓްރެކްޓެއްގެ ދަށުން މިނިސްޓްރީއަށް ހިދުމަތް ކުރުމަށް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އުންމީދު ކުރައްވަނީ މިފަދަ ދާއިރާތަކުން މީހުން ބިނާވެގެން ގައުމަށް އައުމުން ރައްޔިތުންނަށް އެމީހުން ދިރިއުޅޭ ސަރަހައްދު ތަކުން ބޭނުންވާ ސިއްހީ ފައިސޭހަތައް ލިބިގެން ދާނެ ކަމަށެވެ.