ސްރީލަންކާގެ ޓިވެކްއިން ސަސްޕެންޑްކޮށްފައި މަތީ ތައުލީމް ފޯރުކޮށް ދޭ މަރުކަޒުތަކުގެ ޕްރޮގްރާމްތަކުގައި މި ވަގުތު އިތުރަށް އެންރޯލްވެ ކިޔެވުން ނުފެށުމަށް މޯލްޑިވް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފިއެވެ.
އެމްކިއުއޭ އިން ބުނީ، ސްރީލަންކާގެ ޓިވެގްގައި ރަޖިސްޓްރީވެފަިއވާ ބައެއް މަތީ ތައުލީމު ދޭ މަރުކަޒުތައް ސަސްޕެންޑްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެތެރޭގައި "މެޓްރޯޕޮލިޓަން ކޮލެޖް" އާއި "އީސޮފްޓް" ގެ ހުރިހާ ކެމްޕަސްތައް ހިމެނޭ ކަމަށް އެމްކިއުއޭ އިން ބުނެއެވެ. މި މަރުކަޒުތަކުގައި މަތީ ތައުލީމް ހާސިލްކުރާ ކަމުގައި ވަނީ ނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި އީމެއިލް މެދުވެރިކޮށް އެންގުމަށް އެމްކިއުއޭ އިން ބުނެއެވެ. އަދި އެ މަރުކަޒުތަކުގެ ޕްރޮގްރާމްތަކުގައި މި ވަގުތު އެންރޯލް ނުވުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.
ރާއްޖެއިން ބޭރަށް ކިޔަވަން ދާ ބައެއް ދަރިވަރުން ދަނީ އެމްކިއުއޭ އިން ހޯދަން ޖެހޭ މުހިއްމު އެއްލިޔުން ކަމުގައިވާ 'ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް' ނުހޯދާ ކަމަށް އެމްކިއުއޭ އިން ބުނެއެވެ. މި ކަމުގެ ސަބަބުން ދަރިވަރުން ކިޔަވައި ނިމިގެން އައިސް ސަނަދު އިވެލުއޭޓް ކުރުމަށް ހުށަހެޅުމުން އެ ކިޔެވި މަރުކަޒަކީ އެމްކިއުއޭ ގަބޫލުކުރާ މަރުކަޒަކަށް ނުވުމުން އެ ސަނަނދު ވެލިޑޭތް ނުވެއެވެ.
އެހެންކަމުން ރާއްޖެއިން ބޭރަށް ކިޔަވަން ދާ ދަރިވަރުން މި ލިޔުން ހޯދުމަށާއި އަދި ނުހޯދާ ދަރިވަރުން މި ލިޔުން ހޯދުމަށް އެމްކިއުއޭ އިން ވަނީ ނަސޭހަތްތެރިވެފައެވެ. ކިޔަވައި ނިމިގެން އައިސް ސަނަދު ވެލިޑޭޓް ނުވުމުން ލިބޭ ގެއްލުމުގެ ޒިންމާ އެމްކިއުއޭ އިން ނުނަގާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.