ރައްޓެހިން ނުވަތަ އާއިލާ މީހުންނަށް ރަނގަޅު ކެއުންގަނޑެއް ތައްޔާރު ކުރުމަށް ފަހު، އެތައް އިރެއް ވަންދެން ތެލިތައް އުނގުޅަން ހުންނަން ބޭނުންވާނީ ކާކު ހެއްޔެވެ؟ ތެލިތަކުގެ ދަށުގައި ވާ ގްރީސް މުޅިން ދުއްވާލުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. ނަމަވެސް އެކަން ފަސޭހައިން ކުރުމަށް ތަފާތު ގޮތްގޮތް ހެދެން އެބަހުއްޓެވެ.

ވިއެޓްނާމް ކިޗަން އެންޑް ބާގެ ޝެފް ވައިބަވް ބަރްގަވާ ބުނި ގޮތުގައި ތެލިތައް ރަނގަޅަށް ސާފުކުރުމަކީ ނުރައްކާތެރި ބެކްޓީރިއާ، ޖަރާސީމް އަދި އެހެނިހެން ޕެތޯޖަންތައް އުފެދުމާއި ފެތުރުން ހުއްޓުވުމަށް އެހީތެރިވެދޭ ކަމެކެވެ. ހާއްސަކޮށް ކާބޯތަކެތި ތައްޔާރުކުރާ ސަރަހައްދު ތަކަކީ ކްރޮސް ކޮންޓެމިނޭޝަން ފަސޭހައިން ދިމާވެދާނެ ސަރަހައްދުތައް ކަމުން ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދޭން އެބަ ޖެހެއެވެ. ގަވާއިދުން ތެލިތައް ސާފުކޮށް ސެނިޓައިޒް ކުރާނަމަ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވާނެކަމަށް އޭނާ ބުންޏެވެ.

ޔޫއެންއޯކްސްގެ ޝެފް ނިކިލް ރަސްތޯގީ ބުނީ ތެލިތައް ރަނގަޅަށް ސާފު ކުރުމަކީ ވެސް އެތަކެތީގެ ދިގު އުމުރު ދެމެހެއްޓޭނެ ކަމެއް ކަމަށާއި "ޒަމާނާ އެކު ގްރީސް ޖަމާވުމުގެ ސަބަބުން ތެލިތަކުގައި ތުނި ފަށަލައެއް އުފެދި، އެތަކެތީގެ ސިފަ ހަލާކުވެ، އެ ތެލިތަކުގައި ތައްޔާރުކުރާ ކާނާގެ ރަހައަށް ބަދަލު އަތުވެދާނެ" ކަމަށެވެ.

ތެލިތަކުން ގްރީސް މުޅިން ދޮވެ ސާފުކޮށްލުމަށް ޝެފުން ބޭނުންކުރާ ބައެއް އުކުޅުތައް ތިރީގައި މިވަނީއެވެ.

  • ބޭކިން ސޯޑާ ބޭނުންކުރުން

ބަރްގަވާ ލަފާދިނީ ކެއްކުމަށް ބޭނުންކުރާ ތެލި އަދި ތަވާ ފަދަ ތަކެތި ސާފުކުރުމުގައި ބޭކިން ސޯޑާ ބޭނުންކުރުމަށެވެ.

"ބޭކިން ސޯޑާއިން ތެލިތަކުގެ މަލަމަތީގައި ކޫރު އެޅުނަ ނުދީ، ސާފުކޮށްލުމަށް އެހީވެދޭ." އޭނާ ބުންޏެވެ. ނަމަވެސް ނާޒުކު ބާވަތްތަކުގެ ތެލިތަކާއި ނަން-ސްޓިކް ތެލިތައް ސާފުކުރުމުގައި ބޭކިން ސޯޑާ ބޭނުންނުކުރުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

  • ތެލިތައް އުނގުޅުމުގެ ކުރިން ހޫނު ފެނުގައި ބަހައްޓާލުން

ރަސްޓޯގީ ލަފާ ދިނީ ގްރީސް ހިފާފައި ހުރި ތެލިތައް ހޫނު ފެނުގެ ތެރޭގައި ބަހައްޓާލުމަށްފަހު އުނގުޅުމަށެވެ. އޭރުން ފަސޭހައިން ސާފުވެގެން ދާނެ ކަމަށް އޭނާ ބުންޏެވެ.

ސިންކް ތެރެއަށް ހޫނު ފެން އެޅުމަށް ފަހު، ތެލިތައް އޭގެ ތެރޭގައި ބަހައްޓާ، ތެލި ދޮވުމަށް ބޭނުންކުރާ ޑިޝްވޮޝިން ލިކުއިޑްވެސް އެޔަށް އަޅާފައި ބަހައްޓަން އޭނާ ލަފާދެއެވެ. ގްރީސް ނައްތާލުމަށް ސްކްރަބް ބްރަޝް އެއް ނުވަތަ ސްޕޮންޖެއް ބޭނުންކޮށް، ބޮޑަށް ގްރީސް ހިފާފައި ހުރި ސަރަހައްދުތަކުގައި ގިނައިން އުނގުޅުމަށް އޭނާ ވަނީ ބުނެފައެވެ.

  • ތަރުކާރީ ތެލުން އެހީވެވިދާނެ

މިއީ ހައިރާން ކުރުވަނިވި ކަމެއް ކަމަށް ހީވިޔަސް ތަރުކާރީ ތެލަކީ ތެލިތަކުން ގްރީސް ނައްތާލުމުގައި އެހީތެރިވެދޭ އެއްޗެކެވެ.

ރަސްޓޯގީ ލަފާ ދިނީ ގްރީސީ ހިފާފައިވާ ތެލިތަކަށް ތަރުކާރީ ތެޔޮ އެޅުމަށާއި ސްކްރަބް ކުރުމުގެ ކުރިން ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލުމަށެވެ.

ނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ މި އުކުޅުގެ ސަބަބުން، ގަވައިދުން ސާފުނުކުރާނަމަ ހިރަފުސް ހިފުމުގެ ފުރުސަތު އޮންނަކަމެވެ.

  • ލުނބޮއި ވިނެގާ އެއްކޮށްގެން ބޭނުންކުރުން

ލުނބޮއާއި ވިނެގާގެ އެސިޑިކް މާއްދާތަކުގެ ސަބަބުން ބަރްގަވާ ލަފާ ދިނީ ތެލިތަކުގައި ހުންނަ ގްރީސް ނައްތާލުމަށް އެ ތަކެތި ބޭނުން ކުރުމަށެވެ.

"ހަމަ ހަމައަށް ލުނބޯ ޖޫހާއި ވިނެގާ އެއްކޮށްލުމަށްފަހު، ތެލީގައި ހާކާލާފައި އިރުކޮޅަކަށް ބެހެއްޓުމަށްފަހު ފޮހެލާ."