އެންވަޔަރަންމަންޓް މިނިސްޓްރީން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ 155 ރަށެއްގެ 155 މިސްކިތެއްގައި ސޯލާ ޕީވީ ނިޒާމު ގާއިމުކުރުމަށް މަޝްރޫއެއް އިއުލާންކޮށްފިއެވެ.

މި ނިޒާމުތަށް ގާއިމުކުރުމަށްޓަކައި ބޭނުންވާ ސޯލާ ޕީވީ ސިސްޓަމްތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން މިހާރު ބީލަން ހުށަހެޅުމަށް ހުޅުވާލައިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، 155 މިސްކިތެއްގައި އަވިން ކަރަންޓް އުފައްދާ ނިޒާމުތަށް ގާއިމުކުރާނީ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކަމަށާއި މި ނިޒާމު ބަލަހައްޓާނީ ރަށު ކައުންސިލްތަކުން ކަމަށެވެ. ޖުމްލަ 10 މިލިއަން ރުފިޔާގެ މިމަޝްރޫއަކީ ސަރުކާރުން ކައުންސިލްތަކަށް ހިލޭ ފޯރުކޮށްދޭ އެހީތެރިކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ސޯލާ ޕީވީ ނިޒާމުތަށް ސަޕްލައިކޮށްދޭނެ ފަރާތެއްގެ ހޯދުމަށް ބިޑް ހުށަހަޅަންޖެހޭ އެއްމެ ފަހު ތާރީހަކީ އޯގަސްޓް 17، 2023 ކަމަށާއި އެހެން ނަމެވެސް މި ވަގުތު މިނިސްޓްރީގައި ހުރި ސާމާނު ބޭނުންކޮށްގެން އޮގަސްޓް މަހުގެ ތެރޭގައި ބައެއް މިސްކިތްތަކުގައި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއާއި ގުޅިގެން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ އަލީ މާޖިދް ވިދާޅުވީ، މި މަޝްރޫއުއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިއުލާނުކޮށްފައިވާ ނެޓް-ޒީރޯ 2030 ޓާގެޓް ހާސިލުކުރުމަށާ އަދި ކައުންސިލުތަކުން މިސްކިތްތަކުގެ ކަރަންޓު ބިލަށް ކުރާ ހަރަދުގެ ބޮޑު ބައެއް ގެ އެހެނިހެން މަސައްކަތްތަކަށް ބޭނުންކުރުމަށް އެހީތެރިވެދިނުމަށް ރައީސްގެ އިސްނެންގެވުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.

އަދި ކުރިއަށް އޮތްތާނގައިވެސް ކައުންސިލުތަކަށް އަމާޒުކޮށްގެން މިފަދަ އިތުރު މަޝްރޫއުތައް ހިންގުމަށް ވެސް ސަރުކާރު ނިންމާފައިވާ ކަމަށް މާޖިދު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރު 8 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.