ގައުމީ އިހްތިސާސުން ބޭރުގެ ދިރޭތަކެތީގެ ނަސްލުތަކާބެހޭ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފިއެވެ.
ފްރާންސްގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން ކޯ ހޯސްޓް ކުރި ބައްދަލުވުމުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މިހާތަނަށް އައިރު މި އެއްބަސްވުމުގައި 112 ގައުމަކުން ވަނީ ސޮއިކޮށްފައެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ މިއެއްބަސްވުމުގައި ސޮއިކުރުމަކީ ކަނޑުގެ ދުޅަހެޔޮކަމާއި، ކަނޑުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ދޭ އިސްކަމުގެ ހެއްކެއްކަމަށެވެ.
ބީބީއެންޖޭ އެއްބަސްވުމަކީ ގައުމީ އިހްތިސާސުން ބޭރުގެ ސަރަހައްދުތަކުގައި ހުންނަ ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ އެއްބަސްވުމެކެވެ.
ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސްގެ ތިން ވަނަ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވާ އެންމެ އިސްވެރިއެއްގެ ގޮތުގައި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް ބައިވެރިވެ ވަޑައިގެންފައިވާއިރު މި ކޮނަފަރެންސް ކުރިއަށް ދާނީ މި މަހުގެ 9 އިން 13 އަށް ފްރާންސްގެ ނީސްގައެވެ.