ސްރީ ލަންކާ ސަރުކާރުން ރާއްޖެއަށް ހައިވަކަރު ގަސް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ، އަލަށް ހަދަމުން އަންނަ ރޯޒްވުޑް ރަންފަރު ރިސޯޓުގައި 1.4 މިލިއަން ގަސް އިންދުމުގެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ތޯރިގް ވިދާޅުވީ، އަންނަ މަހު ފަހެއްގައި ފާހަގަ ކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ލަންކާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ހައިވަކަރު ގަސްތައް، މީހުން ދިރިއުޅޭ ކޮންމެ ރަށަކަށާއި ރިސޯޓަކަށް ހަދިޔާ ކުރާނެ ކަމަށެވެ. އެ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ތޯރިގް ވިދާޅުވިއެވެ.

ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ އަމާޒު ހާސިލްކުރުމަށް ރަށްރަށުގެ ކައުންސިލްތަކާއި ސަރުކާރު ކުންފުނިތަކުން އަދި އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ ފަސް މިލިއަން ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވަމުންނެވެ.

މިއަދު ގަސް އިންދުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ، ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ސަރުކާރާއެކު އެއްބަސްވަމުން އަންނަ ފަރާތްތަކުން އިނދާނެ ގަހުގެ އަދަދު 5.2 މިލިއަނަށް އަރާފައިވާ ކަމަށެވެ.