ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖެއްސެވުމަކީ ލިބިވަޑައިގެން ވަރަށް ބޮޑު ފަހުރެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ. ޖަމީލް މިއަދު ހަމަޖެެއްސެވުމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު އިތުބާރެއް ކަމަށާއި އެކަމަށްޓަކައި ރައީސް ޔާމީން ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް އެހީތެރިއެއްގެ ގޮތުގައި، އެންމެ ގާތުން މަސައްކަތް ކުރައްވަން ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށާއި މި މަސައްކަތް ގާބިލުކަން ތަންދިން މިންވަރަކަށް ކުރައްވާނެ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

"އެހެންވީމާ އެމަނިކުފާނު ވެރިކަމަށް ގެނައުމުގައި އެހީތެރިއެއްގެ ގޮތުގައި އެންމެ ކައިރީގައި މަސައްކަތް ކުރަން ލިބުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް. މި މަސައްކަތުގައި އަޅުގަނޑުގެ ގާބިލުކަން ތަންދިން މިންވަރަކަށް ކުރާނަން."
ޑރ. މުހައްމަދު ޖަމީލު އަހުމަދު

2013 ވަނަ އަހަރު ޔާމީންގެ ނައިބުގެ ގޮތުގައި ޑރ. ޖަމީލް ހުންނެވި ނަމަވެސް ޖަމީލުގެ އިތުބާރު ނެތް ކަމަށް އޭރު އޮތް މަޖިލީހުން ފާސްކޮށް 2015 ވަނަ އަހަރުގެ ތެރޭގައި އޭނާ ބޭރުކޮށްލިއެވެ. އެކަމާ ގުޅިގެން ޖަމީލު ވިދާޅުވީ މިއަދު ރައީސް ޔާމީންގެ ނިންމެވުމުން އެ ހުރިހާ ސުވާލެއްގެ ޖަވާބު ލިބުނު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދާއިރު ޑރ. ޖަމީދު ވިދާޅުވީ ކޮންމެ ވާހަކައެއް ދައްކަން ޖެހޭނީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑުގެ ތެރޭގައި ކަމަށާއި މިހާ ހިސާބަށް އަންނައިރު ކެންޑިޑެސީގެ މައްސަލައެއް ދިމާވެއްޖެނަމަ އެކަމަށް ހައްލު ހޯއްދަވާނެ ކަމަށެވެ.

ޑރ. ޖަމީލު ވިދާޅުވީ އެކަމުގައި ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށް ސައްތައިން ސައްތަ ޔަގީންކަން ލިބިވަޑައިގެންފައި ވާ ކަމަށާއި ރައީސް ޔާމީންގެ ކެންޑިޑެސީ ކަނޑައެޅިގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކުރިއަށް އޮތް އިންތިހާބަކީ ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ރާއްޖެއަށް އަންނަ ވަރަށް ތާރީހީ އިންތިހާބެއް ކަން ފާހަގަ ކުރައްވާ ޑރ. ޖަމީލު ވިދާޅުވީ ރާއްޖެ އޮތީ ވަރަށް ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި ކަމަށާއި ރާއްޖޭގެ މިނިވަންކަމުގެ ސުވާލަކީ ސަމާސާ ވާހަކައެއް ނޫން ކަމަށެވެ.

ޑރ. ޖަމީލު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކަކުން ވެސް ގަބޫލު ކުރާ ކަމަށާއި "ނުކަތާ" ވަރަށް ދަރަނި އޮތް ކަމަށެވެ. އަދި މި ފަދަ ކަންކަން ހައްލުކުރަން ގައުމުގައި އެވަރުގެ ލީޑަރެއް [ރައީސް ޔާމީން] ހުންނެވި ކަމަށާއި ޕީޕީއެމްއާއި ރާއްޖޭގެ ރައްޔިތުން ގަބޫލުކުރަނީ މިހާރު ފެންނަމުން ދަނީ ގާބިލުކަމެއް ނެތް ވެރިއަކު މި ފަސް އަހަރުގައި ހުރުމުގެ ނަތީޖާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ގާބިލު ބޭފުޅެއްކަން ފާހަގަ ކުރައްވާ ޑރ. ޖަމީލު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ގާބިލުކަން ދައްކަވާފައިވާ ކަމަށެވެ.