ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންގް މޭޓަކަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ހަމަޖައްސައިފިއެވެ.

2013 ވަނަ އަހަރުވެސް އޮތް ގޮތަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ހަމަޖެއްސިކަން އިއުލާން ކުރީ މިއަދުއެވެ.

އަންނަ ރިޔާސީ އިންތިހާބަށް ފޯމް ލާން ދީފައިވާ ވަގުތު ހަމަވާން ހަފްތާއަކަށް ވެފައި ވަނިކޮށް ރަނިން މޭޓު އިއުލާން ކުރި ފުރަތަމަ ޕާޓީއަކީ ޕީޕީއެމްއެވެ.

2013 ގައިވެސް ކާމިޔާބު ކެމްޕެއިންތަކެއް ކުރެއްވި 'ޔާމީން-ޖަމީލް' ޕެއާ 2023 ގެ އިންތިހާބަށް ނިކުންނަށް ނިންމި އިރު، ޕީޕީއެމްގެ ރަނިން މޭޓު އިއުލާން ކުރި ވަގުތަކީ އެ މަގާމަށް ހަމަޖައްސާނެ ބޭފުޅަކާ މެދު ހޫނުގަދަ ބަހުސްތަކެއް ހިނގަމުން ދާ ވަގުތެކެވެ. އެގޮތުން އެއްބަޔަކު އެއީ، ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ކަމަށް ބުނަމުން ދިޔަ އިރު އަނެއް ބަޔަކު ބުނަމުން ދިޔައީ އެއީ ކުރީގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ކަމަށެވެ. އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.

2013 ވަނަ އަހަރު ޔާމީންގެ ނައިބުގެ ގޮތުގައި ޑރ. ޖަމީލް ހުންނެވި ނަމަވެސް ޖަމީލުގެ އިތުބާރު ނެތް ކަމަށް އޭރު އޮތް މަޖިލީހުން ފާސްކޮށް 2015 ގައި އޭނާ ބޭރުކޮށްލިއެވެ. އެގެ ފަހުން ނައިބުރައީސަކަށް ވެވަޑައިގަތީ އޭރު ނުފޫޒު ގަދަ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެއެވެ.

ނައިބު ރައީސް ކަމުން ޖަމީލު ދުކުރުމުގައި އަދީބުގެ ދައުރު ބޮޑުކަމަށް އޭރު ޖަމީލާއި އެކުވެރިން ވިދާޅުވެފައި ވާ އިރު މަގާމުން ދިރިކުރި ފަހުން ޖަމީލު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެން އެތާ ހުންނަވާ، ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އިދިކޮޅުން ކުރި މަސައްކަތުގައި ބައިވެރިވެވަޑައިގެންފައެވެ.

ޖަމީލާއި، އެނާގެ އެކުވެރި ބައެއް ބޭފުޅުންނާއެކު ޖުމްހޫރީ ޕާޓީ އާ ގުޅިވަޑައިގެންނެވި އިރު 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގައި ޖަމީލް ވަނީ އެޕާޓީގެ ފަރާތުން ވިލިމާލެ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާފައެވެ. އެހެން ނަމަވެސް އެއިންތިހާބުން ޖާމިލް ނާކާމިޔާބުވެވަޑައިގެންނެވި އިރު އެގޮނޑި ކާމިޔާބުކުރެއްވީ އޭރު އަމިއްލަ ގޮތުން ވާދަކުރެއްވި އަހްމަދު އުޝާމެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި، އެމަނިކުފާނު ޖަލަށް ދިޔަ މައްސަލައިގައި އަލުން ޕީޕީއެމް އާ ގުޅިވަޑައިގެން ޖަމީލް ވަނީ ޔާމީން މިނިވަން ކުރެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. ޔާމީން އެކުލަވާލެއްވި ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލަކީވެސް ޖަމީލެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގައި 11 އަހަރުގެ ޖަލުހުކުމެއްގައި ހުންނެވުމުން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވިދާނެ ކަމާމެދު ސުވާލު އުފެދިފައިވާ މި ވަގުތުގައި ރަނިން މޭޓު ކަނޑައަޅާ އިއުލާން ކޮށްފައި ވާއިރު، ޔާމީން ސަލާމަތް ކުރުމުގެ މަސައްކަތުގެ އިތުރުން ޖަމީލަކީ މިހާރު އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ފާޅުގައި ދެކޮޅަށް މަސައްކަތް ކުރައްވައި އަދި ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެއްކަން ވެސް ފާހަގަ ކޮށްލެވެއެވެ.

އަންނަ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގައެވެ.