2009 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ދިވެހި ފިލްމު އުދަބާނި ގެ ދެވަނަ ބައެއް ހަދަން ނިންމައި އެ ފިލްމުގެ ޝޫޓިން ފަށައިފިއެވެ.
ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ފިލްމުގެ ދެވަނަ ބައިވެސް ޑައިރެކްޓްކުރާއިރު މި ފިލްމުގައި ފުރަތަމަ ބައިން ފެނިގެންދިޔަ ތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އިސްމާއިލް މި ފިލްމުން ފެނިގެނެއް ނުދާނެއެވެ. މި ފަހަރުގެ ފިލްމުގައި ލީޑު ރޯލު ކުޅޭނެ އެކްޓަރަކީ ރާއްޖޭގެ މަޝްހޫރު އެކްޓަރު އިސްމާއިލު އީސާ (އާނަންދު) އެވެ. އަދި މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ފާތިމަތު ޝުހާއެވެ. ދެތަރިންގެ އިތުރުން ފިލްމުން ދެން ފެނިގެންދާނެ އިތުރު ތަރިންނަކީ އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ، ޝަމީލް، މަރިޔަމް ހަލީމް އަދި ޝަކީލާ އެވެ.
ލިޔުންތެރިޔާ މުހައްމަދު ގާސިމް ލިޔުނު ވާހަކަ އުދަބާނި އަށް ފިލްމެއް އުފެއްދިއިރު އެ ފިލްމުވެގެން ދިޔައީ އޭރު ނެރުނު އެންމެ މަޝްހޫރު ފިލްމަށެވެ. ބިތުވެރި އެތައް ހާދިސާތަކެއް ފެނިގެންދާނެ މި ފިލްމުގެ ދެވަނަ ބައި ފުރަތަމަ ބަޔަށް ވުރެ މާ ރީތިވާނެ ކަމަށް ބެލެވެއެވެ. މި ފިލްމުގެ ޝޫޓިން ރ މާކުރަތުގައި ފެށިނަމަވެސް ފިލްމު ސިނަމާއަށް ގެންނާނެ ވަކި ދުވަހެއް އަދި ހާމަކޮށްފައެއްނުވެއެވެ.
މި ފިލްމުގެ އިތުރުން އަމްޖޭ އަންނަނީ އިތުރު ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ "ދޭތީ އަނިޔާ" އަދި "ގިލަން"އެވެ. މި ދެ ފިލްމުގެ މަސައްކަތް އަމްޖޭ ކުރާތާ މިހާރު ގާތްގަނޑަކަށް އަށްވަރަކަށް އަހަރުވެފައިވާއިރު މި ދެ ފިލްމު އެއްކޮށް ނިންމާ ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ.