އެމްއާރުއެމް ގެ ފަރާތުން 2023 ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެޕާޓީގެ ރައީސް ފާރިސް މައުމޫނު ފޯމު ހުށަހަޅުއްވައިފިއެވެ.

އެމްއާރްއެމްގެ ޕްރައިމަރީގައި ބައިވެރިވުމަށް މިހާތަނަށް ފޯމް ހުށަހަޅުއްވާފައި ވަނީ ފާރިސް އެކަނި ކަމަށް ވާއިރު ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މިއަދު ހަވީރު 4:00އެވެ.

އެމްއާރުއެމްގެ ރިޔާސީ ކެނޑޭޓެއްގެ ގޮތުގައި ފާރިސް ނުކުންނަވާއިރު މިހާރު ރާއްޖޭގައި އޮތް 9 ސިޔާސީ ޕާޓީގެ ތެރެއިން މެންބަރުން އެންމެ މަދުން ތިބެންޖެހޭ އަދަދު ކަމަށްވާ 3،000 ހަމަނުވާ ހަމައެކަނި ޕާޓީއަކީ އެމްއާރްއެމް ކަމަށް އީސީން ބުނެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހަށް ވަނީ ހުޅުވާލައިފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ ފޯރިއާއެކު ތައްޔާރު ވަމުންނެވެ. އެމްޑީޕީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާ، ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް އަދި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބް ވެސް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.

އެ ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވައިފައެވެ. އޭގެތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވައެވެ.