މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ހައްގު ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ދެވަނަ ފަހަރު ހުށަހެޅި ދުސްތޫރީ މައްސަލަ ވެސް އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ މިދިޔަ ހޮނިހިރު ދުވަހުވެސް މި މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެހެންނަމަވެސް އެ ދުވަހުވެސް ކޯޓުން މި މައްސަލަ ބަލައިގެންފައެއް ނުވެއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލަ ދެ ފަހަރުވެސް ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެއީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތާ މަނީލޯންޑަރިންގެ ކުށް ސާބިތުވެފައިވާއިރު ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެހެންނަމަވެސް މި އަހަރު ބާއްވާ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނަމުން އަންނައިރު އެ ކޯލިޝަނުންވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމުގައި ސޮއިކޮށް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ހުށަހަޅުއްވަންޖެހޭ ލިޔުންތައް ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ.