ލ. ހިތަދޫ އަދި ކުނަހަންދޫ ގުޅާލަން ކޯޒްވޭއެއް ހެދުމުގެ މަޝްރޫއުގެ ސާވޭ ހިންގާ ޓީމް ބޭއްވި ބައްދަލުވުމުގައި ރައްޔިތުން އިހުތިޖާޖު ކުރުމުން ފުލުހުންގެ ހިމާޔަތުގައި އެ ރަށަށް ދިޔަ ޓީމް ރަށުން ބާލައިފިއެވެ.
ފޯސައިޓް ސާވޭޔާސް ކިޔާ ސާވޭ ކުރާ ކުންފުންޏަކުން މި މަޝްރޫއުގެ ސާވޭތައް ހިންގާއިރު މި މަޝްރޫއު ހިންގަން ހަވާލު ކޮށްފައިވާ ކުންފުންޏަކީ އެމްޓީސީސީއެވެ. އެރަށަށް ގޮސްފައި ވަނީ ފޯސައިޓް ސާވޭޔާސްގެ ޓީމެކެވެ. މި ޓީމާއެކު ސަރުކާރުގެ އެއްވެސް ބަޔަކު އެ ރަށަށް ގޮސްފައެއް ނުވެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ލ. ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަމްއޫން ވިދާޅުވީ، އެ ޓީމުން އެކި ފަހަރު މަތިން މި މަޝްރޫއާ ގުލޭ ސާވޭތައް ހިންގުމަށް ސްޓޭކްހޯލްޑާ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ. އެގޮތުން އެ ޓީމް މިފަހުން ވެސް އެ ރަށަށް ގޮސްފައި ވަނީ ސްޓޭކްހޯލްޑާ ބައްދަލުވުމަކަށް ކަމަށާއި ނަމަވެސް ރަށުގެ ރައްޔިތުން ތިބީ މި މަޝްރޫއުގެ މަސައްކަތް ނުފެށި ލަސްވެ ހަމައެކަނި ބައްދަލުވުންތަކެއް ބާއްވާތީ އެކަމާ ހިތްހަމަނުޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށުގެ ބައެއް ރައްޔިތުން ވަނީ އެ ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު އިހްތިޖާޖުކޮށް އެ ޓީމް ރަށުން ފޭބުމަށް ގޮވާލާފައެވެ. ފޭސްބުކްގައި ލައިވް ކުރި މި ބައްދަލުވުމުގައި ތިބި ގިނަ ބަޔަކު ނުރުހުން ފާޅުކޮށް އަޑުއުފުލާ މަންޒަރު ފެނެއެވެ.
އެހެންކަމުން އެ ރަށަށް ދިޔަ ޓީމް ވަނީ ފުލުހުންގެ ހިމާޔަތާ އެކު އެ ރަށުން ފައިބާފައި ކަމަށް ޝަމްއޫން ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން ހުރީ މަޝްރޫއު ފެށުން ލަސްވެ ބައްދަލުވުންތަކެއް ބާއްވަމުން ދާތީ ކަމަށާއި މި މަޝްރޫއުއާ ގުޅޭ ސާވޭތައް ކުރަން ހަވާލުކޮށް ކުރިއަށް ގެންދާތާ މިހާތަނަށް 3 އަހަރުވެފައިވާ ކަމަށް ޝަމްއޫން ވިދާޅުވިއެވެ.
ހިތަދޫ އާއި ކުނަހަންދޫ ގުޅާލަން ކޯޒްވޭއެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަޝްރޫއު އެތައް ފަހަރެއްގެ މަތިން މީގެކުރިން އިއުލާން ކޮށްފައި ވެއެވެ. އެހެން ނަމަވެސް އެކަމުގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
އެންމެ ފަހުން މިއަހަރުގެ ޖެނުއަރީ މަހު މި މަޝްރޫއު ހިންގަން ވަނީ އެމްޓީސީސީއާ ހަވާލު ކޮށްފައެވެ. މި މަޝްރޫއަކީ 20.75 މިލިއަން ރުފިޔާއަށް 500 ދުވަސްތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.